ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލް އޮތްގޮތުން ސިޔާސީ ޕާޓީއަކުން ބޭނުންވާހާ މެމްބަރެއްގެ ގޮނޑި ގެއްލުވައިނުލެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މާފަންނު ދެނުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ހަސަން އިޔާދު ސަލީމްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލް އޮތީ އޭގެ ނާޖާއިޒް ފައިދާ ނެގޭނެ ގޮތަކަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މީގެކުރިން ޕީޕީއެމްގެ ވެރިކަމުގައި އޮތް އެ ޕާޓީގެ މެޖޯރިޓީއާއެކު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އޮތީ އޭރުގެ ސަރުކާރުން ހިތްހަމަނުޖެހޭ ކޮންމެ ބޭފުޅަކު ޕާޓީން ވަކިކުރެވޭގޮތަށް ކަމަށެވެ. އަދި އޭރު އަމަލުކުރީ ވެސް އެ އުސޫލުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭރު ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން އަނބުރާ މެމްބަރުކަން އިޔާދަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މިހާރު އެ ބިލް އޮތްގޮތުން މެމްބަރުކަން ގެއްލޭނީ ވަކި ޕްރޮސެސްތަކެއް ފުރިހަމަވުމުން ކަމަށެވެ.

"އަޅުގަނޑުމެން މި ފާސްކޮށްފަ އޮތް ބިލަކީ ޕާޓީއަށް ވެސް ބޭނުންވީމަ އަދި އޭނަ ކަނޑާލެވޭގޮތަކަށް ނޫން އޮތީ. ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިއަށްދާނީ. އޭނާ ހިތްހަމަނުޖެހޭ ކަމުގައިވާނަމަ ކޯޓާ ހަމައަށް ވެސް ދެވޭނެ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާނެ ކަމެއް ނޭނގޭ ކަމަށެވެ. އަދި އެ ބިލް ތަސްދީގު ނުކުރެއްވިޔަސް ދެވަނަ ފަހަރަށް އެ ބިލް މަޖިލީހުން ފާސްކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.