ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވަން ދެ މަހަށް ވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ލިބޭ މުސާރަ އުނިކޮށްދިނުމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއަށް އެޑްރެސްކޮށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު މިވަގުތު ހުންނެވީ ކްލައިމެންޓް ވަލްނަރަބްލް ފޮރަމްގެ ފުރަތަމަ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގާނާގައި ކަމަށެވެ.

"އެގޮތުން މި މަސައްކަތް ވެސް ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ހަމަޖައްސަންޖެހޭ އެތައް ކަމެއް ކުރެވި، މި މާޗު މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ވަނީ ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ފާސްކޮށްފަ އެވެ. ވުމާ އެކު އަޅުގަނޑު މި ދެކެނީ މާތްﷲގެ ވާގިފުޅާ އެކު އެންމެހާ ކަންކަން އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ." ނަޝީދު ވިދާޅުވި އެވެ.

އެހެންވެ ރައީސް ނަޝީދު ވަނީ މި ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭ މުސާރަ އުނިކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އޭގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ. އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.