ވިލިމާލޭގައި ދޭން ފެށި ބަގީގެ ހިދުމަތް ކާމިޔާބު ކަމާ އެކީގައި ކުރިއަށް ނުދާތާ އެތައް މަހެއް ފަހުން މާލެ ސިޓީ ކައުންސިލުން އަލުން ބަގީގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ގެނަ އެވެ. އޭގެ ތެރޭގައި މީހުން އުފުލުމަށް ހާއްސަ ބަގީ އާއި މުދާ އުފުލުމަށް ހާއްސަ ބަގީގެ އިތުރުން ބަލި މީހުން އުފުލަން ބަގީ ގެނެސްފައިވެ އެވެ. އެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އޭރު ހަވާލު ކުރީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ނަމަވެސް އެ ކުންފުންޏަށް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވޭ ކަމުގެ ޝަކުވާ ވަނީ ލިބިފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އާންމު ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބަގީތަކުގެ ތެރެއިން ދެ ބަގީއެއް ކައުންސިލުން މަރާމާރުކޮށްގެން އޮޕަރޭޓް ކުރިޔަސް އެންމެ އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމަށެވެ. އަދި ބާކީ ހުރި ބަގީތައް ހުރީ ހަލާކުވެ، މަރާމާތު ކުރަން ޖެހޭ ހިސާބުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ގޭދޮށަށް ބަގީގެ ހިދުމަތް ދެވޭތީ ބަހަށް ވުރެ ބައެއް ހާލަތްތަކުގައި ރައްޔިތުން އެދެނީ ބަގީއަށް ކަމަށެވެ.

އާޒިމް ވިދާޅުވީ ބަގީ ހިދުމަތް ކުންފުންޏަކާ ހަވާލުކޮށްގެން ކުރާއިރު އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، ކައުންސިލުން ކުރާ ނަމަ، 1.5 މިލިއަން ރުފިޔާ އިން އެކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އާޒިމް ހުށަހެޅުއްވީ މިހާރު ހުރި ބަގީތައް މަރާމާތުކޮށްގެންނާއި އާ ބަގީ ހޯދައިގެން ނަމަވެސް އެ ހިދުމަތް ކައުންސިލުން ދޭ ގޮތަށެވެ. އެ ކައުންސިލް މެމްބަރުންގެ އިއްތިފާގުން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.

ވިލިމާލޭގައި ބަގީގެ އިތުރުން އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.