ރައީސް އަބްދުﷲ ޔާމީން އިސް ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ހުށަހެޅި ފޯމްތަކުގެ ތެރޭގައި ބާތިލް އެއްވެސް ފޯމެއް ނެތް ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް ރަޖިސްޓްރީކުރަން ފުރަތަމަ ހުށަހެޅީ 3،060 ފޯމެވެ. އޭގެ ފަހުން އިތުރު 310 ފޯމު ހުށަހަޅާފައިވެ އެވެ. އެ ފޯމްތަކުގެ ތެރެއިން ސައްހަވީ 1،976 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން 81 ފޯމު ސައްހަ ނުވާ ކަމަށެވެ. އަދި އިދާރީ ގޮތުން އިސްލާހު ގެނެސްގެން ރަނގަޅު ކުރެވޭނެ 1،313 ފޯމު އޮތް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިކަމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ބާތިލް އެއްވެސް ފޯމެއް ނެތް ކަމަށާއި ހުރީ ކުދިކުދި އިދާރީ މައްސަލަތައް ހުުރި ފޯމުތައް ކަމަށެވެ.

"އިދާރީގޮތުން ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށްފަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އެ ފޯމުތައް އަލުން ހުށަހަޅާނަން،" މަލީހް ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށެވެ.