ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއެކު ނެތުމަކީ ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބު ކަމަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ނ. މަނަދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސޯލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވި ކެންޑިޑޭޓުން ވެސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބު ގެއްލުމުގެ، ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް [ޑިމޮކްރެޓްސްގެ ބޭފުޅުންނަށް] މަސައްކަތް ނުކުރެއްވުން،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ބައިވައިވެއްޖެނަމަ ބޭނުންވާގޮތަށް ނަތީޖާ ނުނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހީނުކުރާ ދިމާއަކަށް ގައުމު ސޮއްސާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާނެ ކަމަށެވެ.

އެމްޑީޕީގެ 12 މެމްބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރިކުރުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

"އެކަން ކުރި ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. މިތާ މި ތިއްބެވި ދެ ބޭފުޅުން. ފައިސާ ހުށަހެޅި. މި ދެ ބޭފުޅުންނަށް ވެސް ހުށަހެޅި. ފައިސާ ދީގެން 12 މެންބަރަކު އެ ތިބީ ގެންގޮސްފައި، އެއްޗެއް ހިތަށް ވެސް ނާރާ،" ސޯލިހު ވިދާޅުވި އެވެ.

ރިޝްވަތު ހުށަހެޅި ދެ މެމްބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެވުމުން ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި ޕީއެންސީގެ މެމްބަރުން ވެސް މިއަދު ތިބީ މާޔޫސްވެފައި ކަމަށެވެ.

ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މެޖޯރިިޓީ މި ބޭނުންވަނީ ސަރުކާރަށް އުނދަގޫ ކުރާކަށް ނޫން. ޖެއްސުން ކުރާކަށް ނޫން. އެއްވެސް ރަށެއްގެ، އެއްވެސް ދާއިރާއެއްގެ ތަރައްގީ އަށް ހުށަހަޅާ ހުށަހެޅުމަކަށް އަޅުގަނޑުމެން ނޫނެކޭ ނުބުނާނަން،" ސޯލިހު ވިދާޅުވި އެވެ.