ތުޅާދޫ ރައްޔިތުން ދިގު އިންތިޒާރެއް ކުރަމުން އަންނަ އެއާޕޯޓުގެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތުޅާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުޅާދޫގެ ދުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭނަށްޓަކައި، ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ހަމައެއާއެކު މިއަހަރު، ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ސިއްހީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއަށް ވެސް ތަރައްޤީ ގެނައުމަށްޓަކައި ތުޅާދޫގައި ކުރައްވާނެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާއި، އެމަނިކުފާނު ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިނާއީ ގޮތުން މަސްވެރިކަމާއި ލިޔެލާ ޖެހުމަކީ ތުޅާދޫގައި ކުރާ މަސައްކަތްތަކެއް ކަމުގައި ފާހަގަކުރައްވައި މީގެން ކޮންމެ ސިނާއަތަކަށް ވެސް ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ހާއްސަކޮށް ލިޔެލާ ޖެހުމަކީ ވަރަށް މަދުން ފެންނަ ސިނާއަތަކަށްވެފައި އަދި ދިވެހި ގައުމިއްޔަތާ، ދިވެހިވަންތަކަމާ ވެސް، ގުޅިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވައި ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެލާ ޖެހުން ކިޔަވައިދީ ދަސްކޮށްދޭ މަރުކަޒެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.