ކުރިއަށްއޮތްތަނުގައި ވެސް އެމްޑީޕީގެ ލީޑާޝިޕްގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށާއި ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވަނީ އެމްޑީޕީގެ ރައީސްކަން ދޫކޮށްލި ސަބަބު އޮޅުންފިލުވައިދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމު ދޫކޮށްލެއްވީ ވީހާ ވެސް ގިނަ ބަޔަކު އެ ޕާޓީގެ ލީޑާޝިޕްގައި ތިބެގެން ޕާޓީ ހިންގަން ބޭނުންފުޅުވާތީ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތީ، މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އޭނާ އެކަނި ކަމުގައިވާތީ އެވެ.

"ޕާޓީގެ ގިނަ ބަޔަކު ލީޑާޝިޕުގައި ތިބެގެން، އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަނެއްކާ ވެސް ހޯދަން ޖެހިއްޖެ، އަޅުގަނޑުމެންގެ އާ ރައީސް އަޅުގަނޑުމެންނާ ގުޅިވަޑައިގަތުމުން އަނެއްކާ ވެސް އާ ހިތްވަރެއް ލިބުނު،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް ޕާޓީގެ ސަފުތައް ތަރުތީބު ކުރަން، އެމަނިކުފާނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ސޯލިހު ވަނީ އިންތިހާބު ކާމިޔާބުވިޔަސް ޕާޓީގައި ދެމިތިބުމަށް ހުރިހާ ކެންޑިޑޭޓުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އެމްޑީޕީ ގަބޫލު ކުރާ ހަމަތަކެއް އެބަ އޮތް، އާންމު މެންބަރުން ބޭނުންވާ ކަންކަން އެބަ ހުރި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ބުރޫއު އަރައިގެން ނުވާނެ، އެ ކަމަށް ހުރަސް އަޅާނެ ބިލަކަށް ވޯޓު ދީގެން ނުވާނެ، ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވަން ވާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓްގައި 89 މެމްބަރުން މިފަހަރު ވާދަކުރައްވަ އެވެ.