މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަންގެ މައުލޫމާތު ދޫކުރަން ނުޖެހޭ ކަމަށް ބުނެ އެ ޕާޓީން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން އެމްޑީޕީން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާ އެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދިފަ އެވެ.

ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނަރު މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި އެމްޑީޕީއަށް އަންގާފައިވަނީ އެ މައުލޫމާތުތައް ދިނުމަށެވެ. އެ މައުލޫމާތު ދޭން އިންކާރުކޮށް އެ ހިސާބުން އެމްޑީޕީން މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ފެބްރުއަރީ 14، ގައި އެ ޕާޓީން ވަނީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަން ރަޖިސްޓްރީން ދައްކަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ.

އެމްޑީޕީއަކީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއެކެވެ. އެ ޕާޓީއަށް މިދިޔަ އަހަރު ވެސް 15.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ކޮންމެ އަހަރަކު ވެސް، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.