ރައީސް މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މިދަތުރުފުޅުގައި ވަޑައިގަންނަވާނީ ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅުގެ އިތުރުން ނ. އަތޮޅަށެވެ.

ރައީސް މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ.

މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. އެމަނިކުފާނު އެންމެ ފަހުން ދަތުރުފުޅުކުރެއްވީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ގއ. އަތޮޅާއި ގދ. އަތޮޅަށެވެ.

އެ ދަތުރުފުޅުގައި އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ ފަހުމުނާމާގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތާއި ތިނަދޫ އަދި ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓުތަކެއް އެޅުމުގެ ފަހުމުނާމާގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.