ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ހުރިހާ މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކަށް ވެސް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މުޅިން ހުއްޓާލަން އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ދެކުނުގެ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ހަރަދުކުޑަކުރުމަށް މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކާއި ބެހޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވީ ކޮންމެހެން ކުރަން ޖެހޭ ކަންކަން ނޫނީ ނުކުރަން ހުރިހާ މިނިސްޓްރީތަކަށާއި، ކުންފުނިތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑު އޮންނާނީ ނިންމާފައި، ހުރިހާ މިނިސްޓްރީތަކާއި ހުރިހާ ކުންފުނިތަކަށް އަންގާފައި ހުރިހާ ފަރާތްތަކުން ވެސް އެންމެ ޒަރޫރީ ހަރަދުތައް ނޫނިއްޔާ ނުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދުތައް ސަރުކާރުން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ފަށާ މަޝްރޫއުތަކުގެ ސަބަބުން އޭގެން ވެސް ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓަށް ނަގާނީ ބޭރު ކުންފުނިތަކުގެ ބަދަލުގައި ދިވެހި ކުންފުނިތަކުންނެވެ.

ރައީސް މިހެން ވިދާޅުވި އިރު، މިހާތަނަށް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާއި ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވެސް އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވުޒާރާތަކުގެ މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުންގެ ގިނަ ބަޔަކު ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެވެ އެވެ.

އެކަމުގެ ސަބަބުން އެމަނިކުފާނުގެ ދަތުރުފުޅުތަކުގެ ހަރަދު ބޮޑުވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެމަނިކުފާނުގެ އިތުރުން ނައިބު ރައީސް ހުސެން މުހައްމަދު ވެސް ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާ ކަމަށް ބުނެ މީހުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.