ފަރެސްމާތޮޑާގައި ބިންހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާއި، އެރަށުގެ ބަނދަރު ތަރައްގީކުރާނީ ސްލިޕްވޭއެއް ވެސް ހިމެނޭ ގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ހުވަދޫ ސްކޫލްގައި ފަރެސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މިއަދު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހުށަހަޅާފައިވާތީ، އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ހުރިހާ ސިޓީއެއްގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި ބޮޑެތި ރަށްރަށުގެ ބޮޑެތި މަގުތައް ހެދުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފަރެސްމާތޮޑާގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދު އޮތް ނުރަނގަޅު ހާލަތުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިކަމަށާއި، އެގޮތުން ހަމައެކަނި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމާއި، ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއަށް މިހާރު އިގުތިސާދީގޮތުން ކުރިމަތިވެފައިވާ ދަތިތަކަކީ މި ދަރަނިތަކާހުރެ ކުރިމަތިވެފައިވާ ދަތިތަކެއް ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުން މި ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރަމުންދަނީ މީގެ ކުރިޔާ ހިލާފަށް ފައިސާ ޗާޕު ކޮށްގެން ނޫން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.