ނަވާރަ ސަތޭކަ ފަންސާސް ތިން ވަނަ އަހަރުގެ ސެޕްޓެމްބަރު 12 ވަނަ ދުވަހު، ކޮޅުނބުގައި ހުންނަވާ އިނގިރޭސި ސަފީރުގެ އޮފީހަށް އަހުމަދު ހިލްމީ ވެދެވަޑައިގެންނެވި އެވެ. ހިލްމީ އަކީ އޭގެ 10 ވަރަކަށް ދުވަސް ކުރިޔާ ޖެހެންދެން ކޮޅުނބުގައި ހުންނެވި ދިވެހި ސަރުކާރުގެ ރެޕްރެޒެންޓޭޓިވް އެވެ.

ހިލްމީ އެ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން، ވެރިކަމުން ދުރުކުރެވުނު ޚަބަރު އެމަނިކުފާނަށް ލިބި ވަޑައިގެންނެވުމާ އެކު އެވެ.

ހިލްމީ އިނގިރޭސި ސަފީރުގެ އޮފީހަށް ވަޑައިގެންނެވީ އެމަނިކުފާނު ހާޒިރުވެ ވަޑައިގެންނެވުމަށް ސަފީރު އަންގަވައިގެންނެވެ. ހިލްމީ ވަޑައިގެންނެވިއިރު ސަފީރު ސެސިލްސަޔާސް ހުންނެވީ އޮފީސް ތެރޭގައި ދެކޮޅަށް ހިންގަވާލަ ހިންގަވާލައްވާ އެވެ.

"ކީއްވެތޯ މުހައްމަދު އަމީނާ މެދު ހިނގައި ދިޔަ ކަންތައް އަޅުގަނޑަށް ނޭންގެވީ؟" ހިލްމީ ވެދެވަޑައިގެންނެވުމުން ހަރުކަށި ރާގަކަށް ސަފީރު ސުވާލު ކުރެއްވި އެވެ.

ސަފީރުގެ އަޑުގައި ހުރި ރުޅިވެރިކަމާއި ހިތްޕުޅު ރުހިވަޑައިނުގަތުން އެނގިވަޑައިގެން ވަރަށް އަދަބުވެރިކަމާ އެކު ހިލްމީ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން. މުހައްމަދު އަމީން ފުރާވަޑައިގަންނަވަމުން އެންމެ ފަހުން ވެސް އަޅުގަނޑު ގާތު ވިދާޅުވީ، އެވާހަކަ އެއްވެސް ފަރާތަކަށް ނުދަންނަވަން. ސަރުކާރުން ކޮންމެ ގޮތަކަށް އޭނާޔާ މެދު ކަންތައް ކުރެއްވިޔަސް ބޭރު ބަޔަކު އެކަމުގެ ތެރެއަށް ނުވެއްދުމަށް،" އޭނާ ވިދާޅުވި އެވެ.

ސިސިލްސަޔަ ހިލްމީ ގެންދަވައި މުހައްމަދު އަމީނަށް ވީގޮތަކާ މެދު ސުވާލު ކުރެއްވީ އަމީންގެ ވެރިކަން އިންގިލާބު ކޮށްލައި އަމީން މާލެ ގެންދިއުމަށް ފަހު ކަންހިނގައި ދިޔަ ގޮތުގެ ކޮންމެވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބި ވަޑައިގެންވުމުންނެވެ.

ދިވެހި ސަރުކާރު އޭރު ހިންގަވަން ތިއްބެވި ބޭފުޅުން އިނގިރޭސި ސަފީރަށް ދަންނަވާފައި އޮތީ ރައްޔިތުން އަމީންގެ ވެރިކަމާ ނުރުހުމުގެ ސަބަބުން އަމީން ވެރިކަމުން އިސްތިއުފާ ދެއްވި ވާހަކަޔާއި އެމަނިކުފާނުގެ ސަލާމަތަށް މި ވަގުތު ދޫނިދޫގައި ބަހައްޓާފައި ހުރި ކަމުގަ އެވެ.

ސަފީރަށް އެ މައުލޫމާތު ލިބިވަޑައިގެންނެވީ އަމީން މާލެ ވަޑައިގެންނެވިތާ 12 ދުވަސް ފަހުންނެވެ.

ހިލްމީގެ ޖަވާބު އަޑު އައްސަވާފައި، ސަފީރު، ކޯފާވެގެން އޮފީހުގެ ކުޑަދޮރު ކައިރިއަށް ވަޑައިގެންނެވި އެވެ. އެގޮތަށް އިރުކޮޅަކު ހުންނެވުމަށް ފަހު އެނބުރި ވަޑައިގެން އަނެއްކާ ވެސް ވިދާޅުވި އެވެ.

"މުހައްމަދު އަމީން ހުންނެވި ތާކުން ގެންނަން ލަންޑަނުން އަޅުގަނޑަށް އޯޑަރު އަތުވެއްޖެ......ކޮންތާކުތޯ މުހައްމަދު އަމީން ވީ؟" އަނެއްކާވެސް ހިލްމީ ދެއްވީ ހަމަ އެ ޖަވާބެވެ.

"އަޅުގަނޑަށް ހަމަ އެރުވޭނެ ޖަވާބެއް ނެތް. އެންމެ ފަހުން މަތިންދާ ބޯޓަށް އަރާ ވަޑައިގަންނަވަމުން ވެސް އަރިހަށް އަޅުގަނޑު ގެންދަވާފައި ވެސް، އެއާޕޯޓަށް ވަޑައިގެންނެވި މަގުމަތީގައި ވެސް، ތަކުރާރު ކުރައްވައި އަޅުގަނޑު ގާތު ވިދާޅުވީ ބޭރު ބަޔަކާ ބައްސަވައިގެން ނުވާނެއޭ."

ސިސިލްސަޔަގެ އިދިވަޑައިގަތުމަށް ދެކޮޅު ހައްދަވަމުން ހިލްމީ ވިދާޅުވީ އެފަދަ ގޮތަކަށް ހިލްމީ އަމަލު ކުރައްވައިފިނަމަ އެއީ ވެރިކަން ބޭނުންފުޅުވެގެން ކުރެއްވި ކަމެއް ކަމަށް ވުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވެސް އަމީން އިންޒާރު ދެއްވާފައިވާ ކަމަށެވެ.

"ހިލްމީ ހަނދާންކުރާތި. މުހައްމަދު އަމީން ދުޝްމަނުންނާ ހަވާލު ކުރި މީހަކީ ކަލޭ،" ހިލްމީގެ ފަރާތުން ސަފީރަށް އެއްބާރުލުން ލިބިވަޑައިނުގެންނެވުމުން އެންމެ ފަހުން ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި މުހައްމަދު އަމީނުގެ ސަރުކާރު ބަދަލުކޮށްލައި ގެނެވުނު އިންގިލާބަށް ފަހު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން އަމީނު މާލެ ވަޑައިގަންނަވަން އެދިވަޑައިގެންނެވުމުން ވެސް ކަންތައް އެހާ ރަނގަޅަށް ނުގޮސްފާނެކަން އަމީނަށާއި ކޮޅުނބުގައި ތިއްބެވި އިސް ފަރާތްތަކަށް އޮތީ ވިސްނިފަ އެވެ.

އަމީނުގެ ދަރިކަނބަލުން އަމީނާ، އޭރު ހުންނެވީ ކޮޅުނބުގައި ކިޔަވާ ވިދާޅުވާށެވެ. އަމީނާ އަށް ވެސް އަމީން އެންގެވީ އެމަނިކުފާނަށް ދިމާވި މައްސަލަތަކާ ބެހޭ އެއްވެސް ވާހަކައެއް ބޭރުގެ އެއްވެސް ފަރާތަކަށް ނޭންގެވުމަށެވެ.

ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސްގެ ހައިސިއަޔަތުން ވެރިކަން ކުރައްވަމުން ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސް ދެއްވުމުގެ މަގުސަދުގައި ވަރަށް ބުރަކޮށް އުޅުއްވަމުން ގެންދެވި އަމީނަކީ އޭރު ކޮޅުނބުގައި ވެރިކަން ކުރަމުން ގެންދިޔަ އިނގިރޭސިންގެ ވަރަށް ޚާއްސަ އެކުވެރިއެކެވެ.

އެމަނިކުފާނު އެދިވަޑައިގެންނެވި ކޮންމެ ކަމެއް ކޮޅުނބުގައި ތިއްބެވި އިނގިރޭސި ވެރިން ގެނދެވީ ކޮށް ދެއްވަމުންނެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ރެނދުލައި މައްސަލަތަކެއްގެ ކުރިމައްޗަށް ގޮސްފި ހާލަތެއްގައި ބޭނުންފުޅު ނަމަ އިނގިރޭސިންގެ އެހީ ވަގުތުން ވެސް ހޯއްދެވުނީހެވެ. އެހެންނަމަވެސް ރާއްޖޭގެ ދާޚިލީ ކަންތަކާ ބޭރުގެ ބަޔަކު ބެހުމާ ރުހިވަޑައިނުގަންނަވާތީ، ރާއްޖޭގައި ހިނގާ އެތެރޭގެ އެއްވެސް ކަމެއް އިނގިރޭސިންނަށް ނޭންގެވުމަށް އަމީނު އެންގެވީ އެވެ.

ކޮޅުނބުގައި ހުންނެވި ދިވެހި ދައުލަތުގެ ސަފީރު އަހުމަދު ހިލްމީ އަށް ބޭރު ބަޔަކަށް ރާއްޖޭގައި ހިނގާ ކަންތައް ނޭންގެވުމަށް އަމީނު އިރުޝާދު ދެއްވި ފަދައިން އެކަން އެގޮތަށް ދެމި އޮވޭތޯ ވެސް އަމީން ބެއްލެވި އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ކަނޑަށް ޖައްސާ ބޯޓުގެ ކައިރިޔަށް ދިޔަ ދޯނީގައި އެމަނިކުފާނު ދޫނިދުއަށް ގެންދަން އުޅުމާ އެކު މަތިންދާ ބޯޓުގައި ތިބި އިނގިރޭސި އޮފިސަރުންނަށް ނޭނގޭ ގޮތަށް ކަންތައް ކުރެއްވުމަށް ވެސް އަމީނު އެދިވަޑައިގެންނެވި އެވެ.

ދޫނިދޫގައި އަމީން ހައްޔަރުކޮށްފައި ބެހެއްޓި ބެހެއްޓުމުގެ މައުލޫމާތު ލިބި، އަމީނު އެކަމަށް ދެކޮޅުކަން އެނގިވަޑައިނުގެންނެވި ނަމަ، ކޮޅުނބުގައި ތިބި އިނގިރޭސި ސިފައިން ފޮނުއްވައިގެން އިނގިރޭސި ސަފީރު، އަމީން ކޮޅުނބަށް ގެންދަވާނެކަން ޔަގީނެވެ. އެހެން ނަމަވެސް އަމީން އޮތީ އެފަދަ ހުރިހާ މަގެއް ބަންދު ކުރައްވާފަ އެވެ. އެގޮތަށް އަމަލު ނުކުރެވި ނަމަ ރައްޔިތުންގެ ނާތަހުޒީބު އަމަލުތަކާއި އަނިޔާގެ ޝިކާރަޔަކަށްވެ ފުރާނަފުޅު ދާން އިނގިރޭސިން އެމަނިކުފާނު ދޫކޮށެއް ނުލީހެވެ. އަމީން ޝަހީދު ވެގެނެ ދިޔައީ ގައުމުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ބޭރު ބަޔަކު ވަނަ ނުދެއްވުމަށް ގަދައެޅުއްވުގެ ސަބަބުންނެވެ.

އެޑިޓަރުގެ ނޯޓް: ނޯޓު: މި ލިއުމަށް މައުލޫމާތު ނަގާފައިވަނީ މުހައްމަދު ޖަމީލު ލިއުއްވި، ފުރަތަމަ ޖުމުހޫރިއްޔާ އުވާލުން އަދި ރައީސް މުހައްމަދު އަމީންގެ ނިމުން، މި ފޮތުންނެވެ.