އިސްލާމްއާބާދު (ފެބްރުއަރީ 9) - ޕާކިސްތާނުގެ އާއްމު އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ކާމިޔާބެއް ލިބިދާނެހެން ހީވާ ހުރިހާ ދޮރެއް ވަނީ ބަންދުކޮށްފަ އެވެ. ބޮޑުވަޒީރުގެ މަގާމުން 2022 ވަނަ އަހަރު ދުރުކުރި އިމްރާންގެ މައްޗަށް ތަފާތު ތުހުމަތުތައްކޮށް އޭނާގެ މައްޗަށް ވަނީ އެތައް ޖަލު ހުކުމެއް އިއްވައިފަ އެވެ. އިންތިޚާބު ބާއްވަން މަދު ދުވަސްކޮޅަކަށްވީއިރު ޝަރީއަތްތައް އަވަސްކޮށް އެކި ކުށްކުށުގައި އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމްތައް 34 އަހަރަށް އަރަ އެވެ.

އިންތިޚާބެއްގައި ވާދަކޮށް މަގާމެއް ހޯދުން އިމްރާންގެ މައްޗަށް ވަނީ 10 އަހަރު ދުވަހަށް މަނާކޮށްފަ އެވެ. އޭގެ އިތުރުން އޭނާގެ ޕާޓީ ޕާކިސްތާން ތަހްރީކީ އިސްލާމް (ޕީޓީއައި) އަށް ވެސް ވަނީ އިންތިޚާބުގައި ވާދަކުރުން މަނާކޮށްފަ އެވެ. ޕާޓީ އަށް ވާދަނުކުރެވޭތީ އެ ޕާޓީ އަށް ތާއީދުކުރާ ކެންޑިޑޭޓުން ވޯޓު ކަރުދާހުގައި ޚާއްސަ ނިޝާނެއް ވެސް ބޭނުންކުރުން ވަނީ ކޯޓުން މަނާކޮށްފަ އެވެ. ޕީޓީއައި އިން ނިންމާފައި އޮތީ އެ ޕާޓީ އަށް ތާއީދުކުރާ ކެންޑިޑޭޓުންގެ ނަމުގެ ފަހަތުގައި ކްރިކެޓް ބެޓެއް ބޭނުންކުރުމަށެވެ. އެއީ 1992 ވަނަ އަހަރު ޕާކިސްތާނަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން އިމްރާން ޚާންގެ ތާއީދު އޮތް ކެންޑިޑޭޓެއްކަން އަންގައިދިނުމަށެވެ. ނަމަވެސް އެ ފުރުސަތެއް އެ ޕާޓީއަކަށް ނުދިނެވެ.

ވޯޓު ކަރުދާހުގައި ނަމާއެކު ނިޝާނެއް ބޭނުންކުރަން ޖެހޭ ސަބަބަކީ ޕާކިސްތާނުގައި ލިޔަންކިޔަން ދަން ރޭޓް ދަށްވުމުންނެވެ. އެ ގައުމުގެ 241 މިލިއަން އާބާދީގެ ތެރޭން 40 ޕަސެންޓް މީހުންނަށް ލިޔަން ކިޔާކަށް ނޭނގެ އެވެ. އެހެންވެ ކެންޑިޑޭޓުންގެ ނަން ކިޔަން ނޭނގުނަސް ވޯޓު ކަރުދާހުގައި ޖަހާފައިވާ ނިޝާނަށް ބަލައިގެން އެ މީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުދޭން ފަސޭހަވެ އެވެ.

ޕާކިސްތާނުގެ އިންތިޚާބުގައި ވޯޓުލުމަށް ވޯޓު ކަރުދާސް ޗެކްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޕާޓީއައި އިން ކްރިކެޓް ބެޓެއް ބޭނުންކުރަން ނިންމައި އެ ފުރުސަތު ނުދިން ނަމަވެސް މިފަހަރު އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ކުރިން ތިން ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމުން ލީގު ނަވާޒް (ޕީއެމްއެލް-އެން) އިން ބޭނުންކޮށްފައި ވަނީ ސިންގާއެކެވެ. ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލަވާލް ބުއްޓޫ ލީޑްކުރައްވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ބޭނުންކުރީ ތީރެކެވެ.

އިމްރާންގެ ޕީޓީއައި އަށް ހުރިހާ ދޮރެއް ބަންދުުރި ނަމަވެސް މިހާތަނަށް ނަތީޖާ އިއްވި 50 ދާއިރާގެ ތެރޭން އެ ޕާޓީ އަށް ތާއީދުކުރާ ކެންޑިޑޭޓުން ވަނީ 21 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ނަވާޒް ޝަރީފް އާއި ބިލަވާލް ބުއްޓޫ ވެސް ވަނީ އެބޭފުޅުން ވާދަކުރެއްވި ދާއިރާތަކުގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ އިންތިޚާބުގެ ވާދަވެރިން: ނަވާޒް ޝަރީފް، ބިލަވާލް ބުއްޓޫ އަދި އިމްރާން ޚާން. --ފޮޓޯ:އީޕީއޭ

އިންތިޚާބު ނިމުނުތާ 18 ގަޑިއިރުވެސް ނަތީޖާތައް ލިބެމުންދާލެއް ލަސްވުމުން ޕީޓީއައި އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕާކިސްތާނުގެ ޕާލަމެންޓް ނުވަތަ ނޭޝަނަލް އެސެމްބްލީގައި 336 ގޮނޑި ހިމެނެ އެވެ. އޭގެތެރޭން 70 ގޮނޑި ވަނީ ރިޒާވްކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެނުންނަށް ރިޒާވްކޮށްފައިވާ 60 ގޮނޑި ވެސް ހިމެނެ އެވެ. އެހެންވެ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން މަދުވެގެން 133 ގޮނޑި ބޭނުންވާނެ އެވެ.

އާބާދީގެ 241 މިލިއަން މީހުންގެ ތެރޭން ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 128 މިލިއަން މީހުންނަށެވެ.

ޕާކިސްތާނުގައި އިއްޔެ ވޯޓުލަމުން ދިޔަ އިރު ވަނީ މޯބައިލް ފޯނުގެ ޚިދުމަތާއި އިންޓަނެޓުގެ ޚިދުމަތް ކަނޑާލައިފަ އެވެ.