ނ މާޅެންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމަފިރިއަކު އިތުރު ފަރުވާއަށް ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަށް ރޭ ގެންގޮސްފި އެވެ.

ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒުމްރަތު "ހުރިހާ"އަށް މިއަދު ވިދާޅުވީ މާޅެންދޫގައި ތިބި ދެ މީހަކު ފުނަދޫ ފެސިލިޓީއަށް ބަދަލުކުރީ ނޭވާލާން އުނދަގޫވުމުން ކަމަށެވެ. އެއީ 55 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނެކެވެ.

"އެ ދެ މީހުންގެ ތެރެއިން އަންހެން މީހާއަށް ނޭވާލުމުގެ ދަތިކަމެއް އުޅެނީ. އެހެން ނަމަވެސް މިވަގުތު ހާލު ރަނގަޅު،" ޒުމްރަތު ވިދާޅުވި އެވެ.

ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ އައިސީޔޫގައި 20 އެނދާއި އައިސޮލޭޝަންގައި 37 އެނދު ހުރެ އެވެ. އެ ފެސިލިޓީގައި މިގެ ކުރިން ވެސް ދެ މީހަކަށް ފަރުވާ ދީފައިވެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ފިޔަވައި 25 ރަށެއްގައި 99 މީހުން ޕޮޒިޓިވްވެފައި އެބަތިއްބެވެ. މީގެ އިތުރުން 32 ރިސޯޓެއްގައި 21 ޓޫރިސްޓުންނާއި 48 މުވައްޒަފުން ވެސް ޕޮޒިޓިވްވެފައިވެ އެވެ.

މި ބަލީގައި މިހާތަނަށް 32 މީހަކު ވަނީ މަރުވެފަ އެވެ.