މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.

ރައީސް ނަޝީދު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލަށެވެ. ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޔާމީން ވެސް މިއަދު ކުރިއަށްދާ މޭޔަރު އިންތިހާބުގައި ވަނީ ވޯޓު ލައްވައިފަ އެވެ.

މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާ އެވެ.

ޔާމީންގެ ތާއީދާ އެކު، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ދެން މޭޔަރަކަށް ކުރިމަތިލައްވާފައި ވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ އެވެ.

މިއަދު ކުރިޔަށްދާ މާލޭ ސިޓީ މޭޔަރު އަދި ކައުންސިލަރުންގެ ބައި-އިލެކްޝަންގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި އީސީން ވަނީ ބަހައްޓައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންފައިވާތީ އެ ގޮނޑިތައް ވަނީ ހުސްވެފަ އެވެ.