ހުޅުމާލެ ފޭސް1 އާއި ފޭސް2 ގުޅުވާލަން އަޅާފައިވާ ބްރިޖްތަކުގެ ތެރެއިން ދެ ބްރިޖެއް ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އަށް ވިދާޅުވީ ފޭސް2 އަށް ދަތުރުކުރަން ފުރަތަމަ ހުޅުވާލަން ނިންމާފައި ވަނީ ޕްލެޓިނަމް ރެސިޑެންސްއާ ދިމާލުން ހަދާފައިވާ ދެވަނަ ބްރިޖް ކަމަށެވެ. އޭގެ ފަހުން ނިރޮޅުމަގުން ފޭސް2 އަށް ދަތުރުކުރަން ހަދާފައިވާ ބްރިޖް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބްރިޖް 2 އެންމެ ފުރަތަމަ ހުޅުވާލަން ނިންމާފައި ވަނީ ފޭސް2 ގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށް ތަކެތި އުފުލަން. އެ ބްރިޖް ހުޅުވާލިއަސް އާއްމުންނަށް މިވަގުތު ނުވަދެވޭނެ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގު އޮފީހާވީ ދިމާލުން އޮންނަ ފުރަތަމަ ބްރިޖް އަންނަ މަހު ހުޅުވާލަން ނިންމާފައި ވަނީ ފޭސް2ގައި ބިން ގަނެގެން ގެދޮރު ހަދާ ފަރާތްތަކަށް ކަމަށެވެ.

"އެ ބްރިޖް ހުޅުވާލާއިރު ވެސް ދަތުރުކުރެވޭނީ ހަމައެކަނި ގޯތި ދޫކޮށްފައިވާ ސަރަހައްދަށް. އެހެން ސަރަހައްދުތަކަށް ދަތުރުކުރާ މަގުތައް ހުންނާނީ ބަންދުކޮށްފައި،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ބްރިޖްތައް ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބޮޑު ހަތަރު މަގަށް ސީދާ ވާ ގޮތަށް ހަދާ ހަތަރު ބްރިޖްގެ އިތުރުން، ފަސް ވަނަ ބްރިޖެއް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި ދެ ވަނަ ފިޔަވަހީގެ އަނެއް ބައި ގުޅޭ ގޮތަށެވެ. ނަމަވެސް އެތަން ވަކިކުރުމުގެ މަސައްކަތް އަދި ނުފަށަ އެވެ.

ދަށުން އޮއި ދެމޭ ގޮތަށް ދެ ފިޔަވަހި ގުޅާލުމަށް ހަދާ ފަސް ސް ބްރިޖުގެ މަސައްކަތް ވަނީ ނިންމައިފަ އެވެ.

އެ ފަސް ބްރިޖް ވެސް ހަދަނީ އަޑިން ކޯރު ދެމޭ ގޮތަށް ވަރަށް ހިތްގައިމުކޮށެވެ. ބްރިޖްތައް ނިންމަން ހަވާލުކޮށްފައި ވަނީ ހުޅުމާލޭގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ.

ދެވަނަ ފިޔަވަހީގެ ބްރިޖުތަކުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ގެ ލޯނުގެ ތެރޭގައި ފޭސް 2 ގެ އެއްގަމު ތޮއްޓާއި ހުރިހާ ޝީޓްޕައިލް އާއި ޓޫރިޒަމް އައިލެންޑް ވަކިކުރަން ހަދާ ޗެނަލްތަކާއި ފޭސް1 އާއި ފޭސް 2 ވަކިކުރަން ހަދާ ޗެނަލާއި ފޭސް2 ގައި ބަނދަރު ވެސް ހެދުމަށް ހިމަނާފައިވެ އެވެ. މިފަންޑު ހަމަޖައްސައި އެގްރިމަންޓްގައި ސޮއިކުރީ ސެޕްޓެމްބަރު 14، 2015ގަ އެވެ.