ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އާއި ޖެނީވާ އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން އާންމުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ނައިބު ރައީސް "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް އަދި "ހިއުމަން ރައިޓްސް 75" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށް ޖުމްލަ 3،189،544.58 ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ރައީސް އޮފީހުން އާންމުކުރި ތަފްސީލުގައިވާ ގޮތުގައި ޗައިނާ ދަތުރުފުޅަށް ހަރަދުވެފައިވަނީ 180،735.9 ރުފިޔާ އެވެ. ޖެނީވާ ދަތުރުފުޅަށް 595،779 ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ އެ މަނިކުފާނު ނައިބު ރައީސްގެ ހައިސިއްޔަތުން ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އަދި މި ދެ ދަތުރުގެ ޓިކެޓު ހަރަދަށް ޖުމުލަ 2،413،029.54 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ. އަދި، ދެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ނުވަ ބޭފުޅުންގެ ޕޮކެޓު މަނީއަށް 203،328 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުންނެވެ.

ރައީސާއި ނައިބު ރައީސް ބިޒްނަސް ކްލާހަށް ވުރެ މަތިން ދަތުރުފުޅު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މާލެ އިން ޗައިނާ އަށް އަދި ޗައިނާ އިން ޖެނީވާ އަށް އަދި އެނބުރި މާލެ އަށް ނައިބު ރައީސް ދަތުރުފުޅު ކުރައްވާފައިވަނީ ފަސްޓް ކްލާހުގަ އެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރެއްވީ ބިޒްނަސް ކްލާހުން ޖާގަ ލިބިވަޑައިނުގަތުމުން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި، ނައިބު ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ހަރަދުތައް އެ ދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.