އިނގިރޭސި ވިލާތުގެ ކަމްބްރިއާގައި ހުންނަ އެ ގައުމުގެ އެންމެ ނުރައްކާތެރި ނިއުކްލިއާ ސައިޓަށް ހެކަރުންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ކަމްބްރިއާގައި ހުންނަ ސެލަފީލްޑް ސައިޓުގައި 140 ޓަނުގެ ޕްލުޓޯނިއަމް ހުންނަ އިރު، އެ ސައިޓަކީ ޔޫރަޕްގައި ހުރި އެންމެ ނުރައްކާތެރި ނިއުކްލިއާ ސައިޓެވެ. އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "ގާޑިއަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިއުކްލިއާ ސައިޓް ހެކްކޮށްފައި ވަނީ ރަޝިއާ އާއި ޗައިނާއާ ގުޅުން ހުރި ސައިބާ ގްރޫޕަކުންނެވެ.

އެކަން ނިއުކްލިއާ ސައިޓްގައި މަސައްކަތް ކުރާ ސީނިއާ މުވައްޒަފުންނަށް މިހާރު އެނގިފައިވާ ކަމަށްވެ އެވެ.

"ގާޑިއަން" އިން ބުނާ ގޮތުގައި އައިޓީ ސިސްޓަމްތަކާ ކުޅުނީ ސީދާ ކޮން އިރަކު ކަމެއް އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގިފައެއް ނުވެ އެވެ. އެކަމަކު، އެ ނޫހުން ހޯދި ހޯދުންތަކުން ބުނެފައިވާ ގޮތުގައި މިކަން ފުރަތަމަ ހިނގީ 2015 ގަ އެވެ. ތަޖުރިބާކާރުންނަށް އެ ފަހަރު ފާހަގަ ކުރެވުނީ ސެލަފީލްޑް ނެޓްވޯކްތަކުގެ ތެރޭގައި ސޮފްޓްވެއާ އެއް ބޭނުން ކުރި ތަނެވެ. މިއީ ޗައިނާ ނޫނީ ރަޝިއާގެ ހެކަރުން ކުރި ކަމެއް ކަމަށް މަސްދަރުތަކާ ހަވާލާދީ ބުނެފައިވެ އެވެ.

އެ ނޫހުން ފާހަގަ ކުރި ގޮތުން ނަމަ، މިއީ ސެލަފީލްޑްގެ ފެއިލިއާއެކެވެ.

އެކަމަކު، ސެލަފީލްޑުން ވަނީ އެ ރިޕޯޓު ދޮގުކޮށްފަ އެވެ. ސެލަފީލްޑްގެ ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ތަނުގެ ނެޓްވޯކްތަކާ ކުޅުމުގެ އެއްވެސް ފުރުސަތެއް ބޭރުގެ އެއްވެސް ބަޔަކަށް ނޯންނާނެ ކަމަށެވެ. އަދި އެމީހުންގެ ސިސްޓަމްތައް ވަރުގަދަ ވާނެ ކަމަށާއި ސޮފްޓްވެއާތައް ބޭނުންކޮށްގެން އެމީހުންގެ ނެޓްވޯކާ ނުކުޅެވޭނެ ކަމަށެވެ.

"އަހަރުމެންގެ މިހާތަނަށް އައިއިރު އެއްވެސް ރިކޯޑެއް އަދި ހެއްކެއް ލިބިފައި ނެތް ސެލަފީލްޑް ލިމިޓެޑްގެ ނެޓްވޯކްތަކަށް ކާމިޔާބު ކަމާއެކީގައި ހަމަލާ ދެވުނު ކަން،" ތަރުޖަމާނަކު އިނގިރޭސި ވިލާތުގެ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ތަރުޖަމާނު ބުނީ "ގާޑިއަން" އެގޮތަށް ބުނަމުން އަންނާތީ އެކަމުގެ ހެކި ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު އެމީހުން އެކަމުގައި ފެއިލްވެފައިވާ ކަމަށް ބުނެފައިވެ އެވެ.