ރާއްޖޭގައި މިހާރު އޮތް ސިޔާސީ މަސްރަހަކީ އިންޑިއާ އިން ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ މަސްރަހަކީ ސިޔާސީ ދާއިރާއިން ގުޅުންތައް ބިނާކުރުމަށް އިންޑިއާ އަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިންޑިއާ އިން ގުޅުން ގާއިމް ކުރަންވީ ހަމައެކަނި އެއް ޕާޓީއަކާ އެކު ނޫން ކަމަށާއި ހުރިހާ ޕާޓީއަކާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖެ އާއި އިންޑިއާ ގުޅުމަކީ އަބަދުވެސް އުޖާލާ މުސްތަގުބަލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން މިއީ އިންޑިއާއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ގުޅުން ބަދަހިކުރަންވީ އެންމެ ރަނގަޅު ވަގުތުކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، މިހާރުގެ ސަރުކާރުން ޕީޕީއެމް/ޕީއެންސީ އެކުގައި ސަރުކާރު ގައިމް ކުރި ނަމަވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އާއި މި ދެ ޕާޓީގެ ލީޑަޝީޕާ މެދު ހިޔާލު ތަފާތުވުންތައް އުފެދި ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން އެހެން ޕާޓީ އެއް އުފެއްދުވުމަށް މަސައްކަތް ފައްޓަވައިފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދެވަނައަށްވީ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެދި ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒު އެކަމަށް އެދިވަޑައިގަތީ އިންޑިއާގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫ އާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.