ފިޓްނަސްގެ ދާއިރާއިން ރާއްޖެއަށް ނަން މަޝްހޫރު، ނުހަނު ރީތި ހަށިގަނޑެއް ލިބިފައިވާ، މ. އާޝިޔާ މަންޒިލް، ޢަބްދުﷲ ނިޔާޒު (ޖޭމް އައްލޮ) އަކީ އޭނާގެ ޙަޔާތުގެ ވަރަށް ކުރީކޮޅު، ފިޓްނަސްގެ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައިވާ ފަންނާނެކެވެ.

މިހާރު 52 އަހަރުގެ އައްލޮ މިހާރު ވެސް އަންނަނީ، ފޫހިކަމެއް، ވަރުބަލިކަމެއް ނެތި، ކޮންމެ ދުވަހަކު ޖިމްގައި އެތައް ވަގުތެއް ހޭދަކުރަމުންނެވެ. އަމިއްލަ ހަށިގަނޑު، ރީތި، ދުޅަހެޔޮ ހަށިގަނޑެއްގެ ގޮތުގައި ބެހެއްޓުމުގެ ބޭނުމުގައެވެ. އެހެން މީހުންގެ ހަށިގަނޑަށް އެ ރީތިކަމާއި ދުޅަހެޔޮކަން ލިއްބައިދިނުމުގެ މަޤުޞަދުގައި ވެސް މެއެވެ.

އައްލޮގެ އާއިލާއަކީ، މާ ތަނަވަސް އާއިލާއަކަށް ނުވުމުން، ތައުލީމީގޮތުން މާ އުސްހަރުފަތަކަށް އެރުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. އެހެންނަމަވެސް، އަމިއްލަ މަސައްކަތުން، ކޮންމެވެސް ވަރަކަށް އޭނާ ކިޔެވިއެވެ. އެއަށްފަހު އުމުރުން ފަންސަވީހަކަށް އަހަރުގައި، އެއަރޕޯޓުގެ ވަޒީފާއަކަށް އޭނާ ވަނެވެ. އެ ތަނުގައި އިލެކްޓްރިކަލް މަސައްކަތުގައި ވިއްސަކަށް އަހަރު ހޭދަކޮށް، ޕެންޝަން ލިބުނު އިރު ވެސް، އެ މަސައްކަތަކަށް އޭނާގެ ޝައުޤުވެރިކަމުގެ ކަށި ހުއްޓޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ، ފަރުވާކުޑަ މީހެއްގެ ގޮތުގައި ލޭބްލްކޮށް ވަޒީފާއިން ކަނޑާލުމެވެ.

ފިޓްނަސްގެ ދާއިރާއަށް އައްލޮއަށް ވަދެވުނީ އެއަރޕޯޓުގައި އުޅުނު ދުވަސްވަރުއެވެ. އޭނާއަކީ އަބަދުވެސް އަމިއްލަ ހަށިގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެކެވެ. އެ ދުވަސްވަރު ކައިރި ގޭގޭގެ ޓީވީން ފެންނަ ފިލްމުތަކުން، ވަރަށް ރީތި ހަށިގަނޑު ހުންނަ މީސްމީހުން އޭނާއަށް ފެނެއެވެ. އެ ގޮތަށް ހަށިގަނޑު ރީތި ކުރަނީ، ބަރު އުފުލައިގެންކަން ވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން ހަށިގަނޑު ރީތިކުރާ ހިތް އައްލޮ ވެސް ވެއްޖެއެވެ.

"އެންމެ ފުރަތަމަ ކުރި ކަމަކީ، ނެސްޕްރޭ ހުސްކޮށްފައި ހުންނަ ދަޅަށް ސިމެންތި އަޅައިބާރުކޮށް، އެއަށް އެސްލޯނު ހޮޅިޖަހައި، ޑަންބެލް ހަދައިގެން ބަރު އުފުލަންފެށީ." 1990 ވަނަ އަހަރު ފިޓްނަސްގެ ދާއިރާއަށް ވަން އައްލޮ، މި ދާއިރާގައި އެޅި ފުރަތަމަ ފިޔަވަޅު ކިޔައިދިނެވެ.

އެކި ދުވަސްވަރު އައްލޯ ހުރި ގޮތް ދައްކުވައިދޭ ފޮޓޯތަކެއް.

ޝައުގުވެރިކަން ހުރުމުން ފޫހިކަމެއް ނެތި، އޭނާ އެ މަސައްކަތް ގޭގައި ކުރިއަށް ގެންދިޔައެވެ. ނަތީޖާއަކަށްވީ، ހަށިގަނޑަށް އެދެވޭ ބަދަލުތައް އަންނާންފެށުމެވެ. "މަސްލް ލޯޑް" ނަމަކަށް ކިޔައި ޖިމެއް މާލޭގައި ހުޅުވީ، މި ކަމުގައި އައްލޮ އުޅުނު ދުވަސްވަރުއެވެ. އެހެންކަމުން ވޯކްއައުޓް ހެދުމުގެ މަގުސަދުގައި އެ ޖިމަށް އައްލޮ ދާން ފެށިއެވެ.

މަސްލް ލޯޑަށް ދާން ފެށުމުން، ފިޓްނަސްގެ ދާއިރާއިން ކުރިން ނޭނގޭ އެތައް ފިލާވަޅުތަކެއް އޭނާއަށް ލިބެން ފެށިއެވެ. އެތައް ތަޖުރިބާއެއް ކުރެވެމުން ދިޔައެވެ. ހަމައެއާއެކު ރީތި ނަލަ ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައި އައީ ރާއްޖެއަށް މަޝްހޫރުވަމުންނެވެ. މި ގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް، އައްލޮގެ ވިސްނުން އެހެން ހަރުފަތަކަށް ދަތުރު ކޮށްފިއެވެ.

އަމިއްލައަށް ހަދާފައިވާ ބަރުތަކެއް ވަރަށް ކުރީގައި އައްލޯ ބޭނުންކުރަނީ.

"އެހައިތަނަށް ދިޔުމުން ހިތަށް އެރީ ކިޔައިދޭ މީހަކަށް (ޓްރޭނަރއަކަށް) ބަދަލުވާން. ނޭޗަރގައި ވެސް އެ ހުނަރު ހުރިކަމަށް ޤަބޫލުކުރެވޭތީ، އެ ވިސްނުން އައީ." ޓްރޭނަރއަކަށް ބަދަލުވުމުގެ ވިސްނުން އައި ގޮތް ކުރުގޮތަކަށް އައްލޮ ބުންޏެވެ.

ޓްރޭނަރއެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމާއެކު، ވެއިޓް ޓްރޭނިންއަށް އައްލޮގެ ކިބައިގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދުނެވެ. މިއީ ކުރިއަށްދާން ވަރަށް ރަނގަޅު ދާއިރާއެއްކަމުގައި ޤަބޫލުކުރެވުނެވެ. އެހައިތަނުން އިތުރު ހިތްވަރަކާއެކު، އޭނާ މަސައްކަތް ފެށިއެވެ. މިއަދު އާދެވިފައި ހުރި ހިސާބަށް ވާސިލުވުމުގެ ސިއްރަކީ، އޭނާގެ ހިތުގައި އުފެދުނު ޝައުޤުވެރިކަމެވެ. ޖެހުނު ލޯތްބެވެ. ކުރެވުނު ބުރަ މަސައްކަތެވެ.

މާލޭގެ ތޮށިގަނޑުމަތީގައި މީހަކު މަސްބާނަން ހުއްޓާ އައްލޯ ނަގާފައިވާ ފޮޓޯއެއް

"މިހާރު މިހިރީ ވަރަށް ރަނގަޅު ހިސާބަކަށް ރީޗްވެވިފަ. އަޅުގަނޑުގެ ގޯލްގެ ފައިނަލް ޑެސްޓިނޭޝަނަށް ރީޗްވެވިއްޖެ. އެއް ކަމަކީ މި ދާއިރާއިން ގައުމީ އިނާމުލިބުން. ދެން އޮތީ ފިއުޗަރ ޕްލޭން. އެއީ އަމިއްލަ ނަމުގައި ފިޓްނަސް ސެންޓަރެއް ނުވަތަ ޖިމެއް ހުޅުވުން. އެއީ މި ޖަރނީގެ އެންމެ ފަހު ޑެސްޓިނޭޝަން. ކޮވިޑް ނައި ނަމަ، އެކަން މިއަހަރު ކާމިބުވާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް ކުރެވުނު. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މި ކަން ހަގީގަތަކަށް ވާނެ." ކަސްރަތު ކުރިއެރުވުމުގެ ރޮނގުން 2017 ވަނަ އަހަރު ގައުމީ އިނާމު ލިބިފައިވާ އައްލޮ ކިޔައިދިނެވެ.

އައްލޮގެ ރީތި ހަށިގަނޑުގެ ސަބަބުން، ފިލްމު އުފައްދާ ޑައިރެކްޓަރުންގެ ލޮލުގައި ވެސް އައްލޮ އަޅައިގަތެވެ. ކެމެރާ ކުރިމައްޗަށް ނިކުތުމުގެ ފުރުސަތު ލިބުނެވެ. ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފިއެވެ. 5 ވަރަކަށް ވީޑިއޯ ލަވައާއި 10 ވަރަކަށް ވީޑިޔޯ އިޝްތިހާރު ކުޅުނެވެ. އެގޮތުން އައްލޮ ކުޅުނު ބައެއް ލަވަ، ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. ބެލުންތެރިންގެ މަޤުބޫލުކަން އިންތިހާއަށް ލިބުނެވެ. އޭގެތެރޭގައި 2011 ވަނަ އަހަރު ކުޅުނު "ޖާދޫގައި ޖެހޭނޭ..." ލަވައާއި މެޒޯ ބޭންޑުގެ "ވިސްނާ ވިސްނާ" ލަވަ ފާހަގަކޮށްލެވެއެވެ.

އަންހެން ކުއްޖަކު މޫދު ލޮނުގަނޑުން ބޯހިއްލާލަނިކޮށް ނަގާފައިވާ ފޮޓޯ

"ވިސްނާ ވިސްނާ" ލަވައަކީ ހިސްޓްރީއަށް އަރާފަ އޮތް ލަވައެއް. ސަބަބަކީ، އިންޓަނޭޝަނަލް ޗެނަލަކުން ފުރަތަމަ ދެއްކި ލަވައަށް އެ ލަވަ ވީމަ. އެމްޓީވީއިން އޮންއެއަރ ކުރި ފުރަތަމަ ދިވެހި ލަވަ އެއީ. އެއީ ވަރަށް އުފާވާކަމެއް" ފަޚުރުވެރިކަމާއެކު އައްލޮ ފާހަގަކުރިއެވެ.

27 އަހަރުގެ ވެއިޓް ޓްރޭނީންގެ ތަޖުރިބާއާއެކު ފްރީލާންސްކޮށް ޓްރޭނަރއެއްގެ މަސައްކަތްކުރާ އައްލޮ، މިއަދު އާ ކަމެއް ވެސް އަންނަނީ ކުރަމުންނެވެ. އެއީ ފޮޓޯ ނެގުމުގެ މަސައްކަތެވެ. އޮންލައިންކޮށް، މޮބައިލް ފްޓޯގްރަފީ ކޯހެއް 2018 ވަނަ އަހަރު ހެދުމަށްފަހު، އޭނާ ވަރަށް ޝައުޤުވެރިކަމާއެކު އެ މަސައްކަތް ކުރަމުން ގެންދެއެވެ. "ޖޭމްއައްލޮ-ޝޮޓްސް" ގެ ނަމުގައި ހަދާފައިވާ އިންސްޓަގްރާމް ޕޭޖަކީ އައްލޮގެ ފޮޓޯތަކަށް ޚާއްޞަ ޕޭޖެކެވެ. 1600 ވަރަކަށް ފޮޓޯއިން މުއްސަނދިވެފައިވާ އެ ޕޭޖުން އައްލޮގެ ހުނަރުވެރިކަން ކިތަންމެ ރަނގަޅަކަށް ވެސް ފެންނާން އެބަ ހުއްޓެވެ.

"މިކަން ވެސް މި ކުރަނީ ފިޓްނަސްގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތަށް، ކާމިޔާބަކާ ހަމައަށް ދިޔުމަށް. އުއްމީދަކީ މައުރަޒެއް ބާއްވައިފިއްޔާ، އަޅުގަނޑުގެ ފޮޓޯތައް ބައިވެރިކޮށްގެން ވަނައެއް ހޯދުން." ފޮޓޯނެގުމުގެ މަސައްކަތް މިހާރަށްވުރެ ވެސް ފުޅާކުރުމަށް މަސައްކުރަމުން އަންނަ އައްލޮ ބުންޏެވެ.

މީހަކު ދޯންޏަކުން ބޭލި މަސްތަކެއް ގާޑިއަލަށް އަރުވަނިކޮށް އައްލޯ ނެގި ފޮޓޯއެއް.

ހަށިގަނޑު ރީތިކުރަން ބޭނުންވާ ކުދިންނަށާއި ޓްރޭނާއަކަށް ވާން ބޭނުންވާ ފަރާތްތަކަށް، އަމިއްލަ ތަޖުރިބާގެ އަލީގައި ވަރަށް ޚާއްޞަ މެސެޖެއް އައްލޮ ވަނީ ދީފައެވެ.

"ބޮޑީ ބިލްޑްކުރަން ބޭނުންވާ ކުދިންނަށް ބުނެލަން ބޭނުންވަނީ، ޓްރޭނަރއެއް ޗޫސްކުރާއިރު، އެއީ ކޮން ފެންވަރެއްގެ ކޮލިފިކޭޝަނެއް، ކިހައި ތަޖުރިބާއެއް ހުރި ޓްރޭނާއެއްތޯ ބަލާށޭ! ޓްރޭނާއެކޭ ބުންޏަސް، އެ ވަރު ނުބަލައި ނުހޮވާށޭ. އެހެންނޫނީ ކިތަންމެ ބޮޑު އެންޖަރީއަކާ ވެސް ކުރިމަތިވެދާނޭ. ޓްރޭނަރއަކަށްވާން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ، ދެތިން މަހެއްހައި ދުވަހު އުޅެފައި، ޓްރޭނަރއަކަށްވާން ނުނިންމާށޭ. އޭގެ ބަދަލުގައި 1 އަހަރު ނުވަތަ 2 އަހަރުގެ އެކްސްޕީރިއަންސާއެކު، ކިޔެވުން ވެސް ބޭނުންވާނޭ. ޓްރޭނަރއަކަށް ވާން ވާނީ އޭގެ ފަހުންނޭ." ކޮންމެ އަހަރަކު ވެސް ރާއްޖޭން ބޭރަށް ގޮސް، ޕީއެޗްޑީ ފެންވަރުގެ މީހުންގެ އެހީތެރިކަމާއެކު ފިޓްނަސް ފީލްޑް ރިފްރެޝްކުރަމުން އަންނަ އައްލޮގެ ނަސޭޙަތަކީ މިއެވެ.

އައްލޯ ނަގާފައިވާ ހިތްގައިމު ފޮޓޯއެއް. މިފަދަ ކިތަންމެ ފޮޓޯއެއް އޭނާގެ ފޯނުން ނަގާފައިވޭ.

އެތައް އަހަރެއްވާންދެން އެއް ގޮތެއްގައި ހަށިގަނޑު ދެމެހެއްޓި އައްލޮއަށް މިހައި ހިސާބަށް އާދެވުމުގައި އެތައް ބަޔެއްގެ އެހީތެރިކަން ވަނީ ލިބިފައެވެ. އޭގެތެރޭގައި ކެސްޓޯ އާއި ވަހިއްދީނުގެ ނަންފުޅު ޝުކުރުވެރިކަމާއެކު އޭނާ ފާހަގަކުރިއެވެ. އެއީ އޭނާއަށް އެކި ގޮތްގޮތުން ދީލަތި އެތައް އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ފަރާތްތަކެކެވެ. މީގެއިތުރުން ގޭތެރެއިން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ނަން ވެސް، ޝުކުރުވެރިކަމާއެކު އައްލޮ ފާހަގަކުރިއެވެ.