މުޅި ދުނިޔެ އޭގެ ބިރުވެރިކަމާއި އެކު އުޅެން ޖެހިފައިވާ ކޮވިޑްގެ ބަލިމަޑުކަން މިދަނީ ހަލުވި ކަމާއި އެކު ދިވެހި ރާއްޖޭގައި ވެސް ފެތުރެމުންނެވެ. މި ފާއިތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެފައިވީ ނަމަވެސް ބިރުވެރިކަން މުޅިން ފިލައިދިޔައީ ކަމަށް ހީކޮށްގެން ނުވާނެ އެވެ.

މި ބަލީގެ އެންމެ ވޭން ހުރި ކަމަކީ އާއިލާއާއި ލޯބިވާ މީހުންނާއި ދުރުުގައި އައިސޮލޭޝަންގައި ދުވަސްތަކެއް ހޭދަކުރަން ޖެހުން ކަމަށް ގިން މީހުން ބުނެ އެވެ. އަދި ވާހަކަ ދައްކާލާނެ މީހެއް ނެތި، އެކަނިމާ އެކަނި ވަގުތުތައް ހޭދަކުރަން ޖެހުމެވެ. އޭގެ ސަބަބުން ގިނަ މީހުންނަށް ނަފްސާނީ ގޮތުން ވެސް އެތައް ނޭދެވޭ އަސަރެއް ކުރުވަ އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ އާންމުވި މި ފޮޓޯ ފެނުމުން ވަރަށް ފުން އަސަރެއް ކުރި އެވެ. މި ލޯބި ފޮޓޯއިން ދައްކުވައިދެނީ ރާއްޖޭގެ ކޮވިޑަށް ފަރުވާދޭ މަރުކަޒެއްގައި ބަލި މީހަކު ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ޑޮކްޓަރަކު އޭނާ އާއި އެކީ އޮށްވަޅު ގޮނޑި ކުޅޭ މަންޒަރެވެ. ހިތް ފުރިގެން ބަންޑުންވި ކަހަލަ އެވެ. އެ ފޮޓޯއަކުން އެއީ ކޮން ތަނެއް ކަމެއް އެނގޭކަށް ނެތެވެ.

މިއާއި އެކު އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން، އެމީހުންގެ އާއިލާތަކާއި ދުރުގައި، ބަލި މީހުންނަށްޓަކައި ވަމުން މިގެންދަވާ ގުރުބާނީ ފާހަގަކޮށްލަން ޖެހެ އެވެ. ހަގީގަތުގައި ވެސް ޝުކުރާއި ތައުރީފު ހައްގެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު އައިސޮލޭޝަންގައި ހުރުމަކީ ކިހާ ހިތްދަތި ކަމެއްކަން އެނގޭނީ އަމިއްލައަށް ގޮސް އެކަން ތަޖުރިބާ ކޮށްލީމަ އެވެ. ތިމާގެ އާއިލާ މީހެއް، ނުވަތަ ރައްޓެއްސެއް އައިސޮލޭޝަން އަށް ގެންދެވިއްޖެ ނަމަ، ގަވައިދުން އެ މީހުންގެ ހާލު ބަލާށެވެ. ގުޅުމުގެ އިތުރުން ވީޑިއޯ ކޯލްވެސް ކުރާށެވެ. އެމީހާ އެތަނުގައި އެހެރީ އެކަނިކަން އިހުސާސްވިޔަ ނުދޭށެވެ. އެހެން މީހުންގެ އަޅާލުމާއި ލޯބި އެންމެ ބޮޑަށް ބޭނުންވާނީ އެފަދަ ހާލަތްތަކުގަ އެވެ.