ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމީ، މިހާރު އެ ކޯޓު ހިންގަމުންދާ ހަތަރު ފަންގިފިލާގެ އިމާރާތް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތީ ކަމަށެވެ. އަދި އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް، ރައްކާތެރި ގޮތެއްކަމުގައި ނުވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިގޮތުން ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތުގައި އެ ކޯޓު ހިންގުމަށް ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިހާރު އެ ފެސިލިޓީ އިމާރާތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޑީޖޭއޭއިން ހާމަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ވަރަށް ބޮޑަށް ބާވެ، ވާރޭ ވެހޭއިރު ފެން ލީކުވެ މިފަދަ ކަންކަމާހުރެ، ބައެއް ޝަރީއަތްތައް މީގެ ކުރިން މެދު ކަނޑާލާފައިވެ ވެ އެވެ.