ދިވެހިންނަކީ ޒަމާނުއްސުރެ އެއުރެންގެ ކާބަފައިން ދޫކޮށްދިޔަ އަގުހުރި ތަރިކައާއި، ސަގާފަތާއި އާދަކާދަތަށް، އެއީ ނުހަނު ޚާއްސަ ހަޒާނެއްކަމުގައި ދެކެމުން އައި ބައެކެވެ. އަހަރުން އަހަރަށް، އުވި، ނެތިވެދަމުން އެދާ ރިވެތި ސިފަ ތަކުގެ ވާހަކަދައްކާ، އޭގެ ޒިކުރާ އާކުރަމުން އަންނަ ބައެކެވެ. ކަން މިހެން ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ދިވެހިންގެ އެވޭލާ އާދަކާދަތަކަކީ ދިވެހި މިޖީލު ނޫނަސް، މުޅި ދުނިޔޭގެ ހުރިހާ ސައްޔާޙުންނާއި ތާރީޚް ދިރާސާ ކުރާ ބޭފުޅުން، އެ އާދަކާދަތަކުގެ ފުރިހަމަކަމަށް ހެކިވާ އާދަކާދަތަކެކެވެ.

މިއާދަތަށް ދިވެހި މުޖުތަމައުއިން މަޑުމަޑުން ފޭދެމުން ދިޔަކަމުގައިވީ ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ހަގީގަތަކީ އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުން އިހުގެ އާދަކާދަތަކުގެ އުފާވެރި މަންޒަރު ފެންނަމުންދާކަމެވެ. މިހާހިސާބުން އަލިއަޅުވާލާނީ ދިވެހި ކާބަފައިންގެ ކުރީގެ ރީތި ބައެއް އާދަކާދަ ތަކަށެވެ. މީގެ ތެރޭގައި، ގާތްތިމާގެ ގުޅުން ދެމެހެއްޓުން، އަވަށްޓެރިންނަށް އިޙްތިރާމުކުރުން، މެހުމާނުންނަށް ކަމޭހިތުން، ހުކުރު ދުވަސް ފަދަ ޚާއްސަ ދުވަސްތަކުގައި ދައްކުވައިދޭ އެއްބައިވަންތަކަން އަދި ކެއިން ބުއިމުގެ ރިވެތި އާދަތަށް ހިމެނެ އެވެ. އަދި ހަމައެހެންމެ މަސްވެރިކަން ކުރެވުނު ގޮތް، ކުޅިވަރުތައް އަދި ބޮޑުމާލޫދު ފަދަ ކަންކަން ހިމެނެ އެވެ. ވީމަ ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ އާދަކާދައިގެ ތެރެއިން އުވި ގޮސްފައިވާ، ކުރީގެ އާދަކާދައިގެ މައްޗަށަށް ބަލާލަމާ ހިނގާށެވެ.

ގާތްތިމާގެ ގުޅުން ދެމެހެއްޓުމަކީ އޭގައި ނުހަނު ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާކަމެކެވެ. އެއީ އިސްލާމްދީންވެސް އެހާމެ ބާރުއަޅާކަމެކެވެ. އިހުގައި އާއިލާ ކިތަންމެ ފުޅާވެގެންގޮސް ދަރިންތައް ވަކިވަކިން އުޅުނުކަމުގައިވީނަމަވެސް އާއިލީގުޅުން ވަރަށް ވަރުގަދައެވެ. އާއިލާގައި އެކަކުވެސް އަނެކާގެ އެހީއަށް ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަމުގެ އަތް ދިގުކުރެއެވެ. އަޅައިލައެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގައި ދިމާވާ އަޑިގަނޑުތަކާއި އުސްގަނޑުތަކުގައި އެކުގައި ޝާމިލުވެ ހިތްވަރުދީ ނުވަތަ އުފަލުގައި ބައިވެރިވެ ހަދަ އެވެ. މައިންބަފައިން އުމުރުން ދުވަސްވުމުން އެދެމައިންނަށް ދޭންޖެހޭ ލޯތްބާއި އަޅާޅުންދީ ހުރިހާ ކަމެއް އެންމެން އެކީ ބަލަހައްޓަ އެވެ. މިއަދާ ޚިލާފަށް، އެންމެ ފާހަނގަ ކޮށްލެވޭ އެއްކަމަކީ މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމުން އާއިލާއަށް ނިސްބަތްވާ ތަރިކަ ދަރިންގެ މެދުގައި ހިއްސާކުރަނީ ސުލްހަމަސަލަސްކަން އިޚްތިޔާރު ކޮށްގެންނެވެ. ކޮންމެއަކަސް އިހުގެ ދިވެހިންނަކީ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، ހާލުބަލައި، ގާތްތިމާގެކަން ވާޞިލުކުރާ ބައެކެވެ.

ފޮޓޯ: ނައުޝަމް ވަޙީދު

އަވަށްޓެރީންނަކީ ވެސް ކާބަފައިންގެ ނަޒަރުގައި ގާތްތިމާގެ މީހުންނެވެ. ދޭހަކޮށްދޭން މިއުޅެނީ އިހުގައި، މީހަކާއި އެނާގެ އަވަށްޓެރިންގެ ގުޅުމުގެ ބާރުގަދަކަމެވެ. ދިވެހިން ދެކުނު ގޮތުގައި މުޅި ރަށުގެ ހުރިހާ ފަރުދުންނަކީ އަވަށްޓެރިންނެވެ. ސަބަބަކީ އާންމުކޮށް ރަށެއްގައި އެކަކު އަނެކަކު ނުދަންނަ މީހަކު ނޫޅޭތީ އެވެ. ދިވެހިންވީ އެއްބަޔަކު އަނެއް ބަޔެއްގެ ކުދި ބޭނުންތަކާއި ބޮޑެތި ބޭނުންތައް ވެސް ހިތްހެޔޮކަމާއި އެކު އެއްވެސް އަގަކާއި ނުލާ ފުއްދައިދިން ބަޔަކަށެވެ. އެކި މަސައްކަތްތަކަށް ބޭނުން ކުރާ ހިފައިގެންގުޅޭ ތަކެތި ވެސް، ހުންނަ ގޭގެއިން ނުހުން ގޭގެއަށް ބޭނުންކުރަން ދީ، މަސައްކަތުގައި ބައިވެރިވެ، ބުރަ ލުއި ކޮށްދިން ބަޔަކަށެވެ. އަވަށްޓެރިޔާގެ ގެއަށް އެއްއިރުން އަނެއް އިރަށް ތަށިބަރި ވެސް ގެންގޮސްދިން ބަޔަކަށެވެ. މިނޫން ގޮތްގޮތުން ވެސް ދިވެހިންނަކީ އަވަށްޓެރި ކަމުގެ މިސާލު ދައްކައިދިން، ރިވެތި އަޚްލާގުގެ ވެރިބައެކެވެ.

ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަކަމާއި އެކު ރަށުގެ ވެށި ސާފުކޮށް ބެހެއްޓުމުގެ ލާމަސީލު މިސާލު ދެއްކި ބަޔެކެވެ. ތަފާތު މުނާސަބާތަކަށް ރަށުތެރެ ސާފުކުރުމާއި، އަތިރިމަތި ސާފުކުރުމަކީ އަންހެންވެރިން ޖޯޝުގައި ކުރަމުންއައި ކަންތައްތަކެވެ. ހަމައެއާއިއެކު، ކާބަފައިންގެ ޒަމާނުގައި ދިވެހިންގެ ފެންވެރުމުގެ އާދަކާދަ ބިނާވެފައި އޮތީވެސް މިއަދާއި ވަރަށް ތަފާތު ގޮތަކަށްކަން ފަހަގަ ކޮށްލަންޖެހެ އެވެ. ވެވަކީ އިހުގައި ދިވެހީން ފެންވަރަން އެރުނު އެއްޗެކެވެ. އެގޮތުން ފިރިހެންވެރިން ފެންވެރުމަށްޓަކައި ވެވެއް ބޭނުންކޮށް އުޅުނުކަމާއި، އަންހެނުންނަށް ޚާއްސަކޮށް ގިފިލި ތައްޔާރުކުރެވިފައި ހުރިކަން ތާރީޚުގެ ސަފުހާތަކުން ސާބިތުވެ އެވެ. ކަންމިހެން އޮތުމުން ދޭހަވަނީ އިހުގައިވެސް އަންހެނުންނަށް ގަދަރުވެރި މަގާމެއް ދިވެހިންގެ ތެރޭގައި ދެވިފައި އޮތްކަމެވެ.

ފޮޓޯ: ނައުޝަމް ވަޙީދު

ގުޅުން ބަދަހި ކުރުމަކީ އިހުގެ ދިވެހިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިން ސިފައެކެވެ. ހުކުރު ދުވަހާއި، ދެ އީދު ދެ ދުވަހާއި، ޙައްޖު ދުވަސް ފަދަ ޙާއްސަ ދުވަސްތަކަކީ ކާބަފައިންގެ ރިވެތި އުސޫލުތައް ދައްކުވައިދިން ހަނދާނީ ދުވަސްތަކަށްވަނީ ވެފަ އެވެ. މީގެ ކޮންމެ ދުވަހަކީ ވެސް އީދެއްގެ އުފާ މުޅި ރަށުތެރޭން ފެންނަން ހުންނަ ދުވަސްތަކެކެވެ. ޒަމާނުއްސުރެ ހުކުރު ދުވަހަކީ އާއިލީ ދުވަހެއްގެ ގޮތުގައި އިހުގެ ދިވެހިން ނަމޫނާ ދައްކަމުން އައިއިރު ޢީދު ދުވަހަކީ އުފާކުރުވަނިވި ހުނުންތަކުން މުޅި ފަޒާ ގުގުމާލާ ދުވަހަކަށް ވަނީވެފަ އެވެ. އާހެދުން ފަހައި، ނަލަ ހެދިލައިގެން ހަވީރު ފިންޏަށް ހިނގާލަން ދިޔުމާއި، ކުޅިވަރު ކުޅެ، މަޖާކޮށް ފޯރިނެގުމަކީވެސް ދިވެހިންގެ ތެރޭގައި ކުރެވެމުން އުފާވެރި ކަންކަމެވެ.

ފޮޓޯ: ނައުޝަމް ވަޙީދު

މިހާރު ސަގާފީ ކުޅިވަރުތަކުގެގޮތުގައި ހަމަޖެހިފައިވަނީ އިހު ދިވެހީން ފޯރި ނެގުމާއި މަޖާ ކުރުމުގައި ކުޅެއުޅުނު ކުޅިވަރުތަކެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ތަރުޙީބުގަދަ އެންމެ މަޝްހޫރު ކުޅިވަރުތަކަކީ ބަށި، ލެއް، ފަން، ތެލަބަގުޑި، މަންޑި، އޮށްވަޅު، ގަނޑުފިއްލާ، ތިންހަމަ އަދި ތިންމުގޯލި ފަދަ ކުޅިވަރުތަކެވެ. ކުޑަ ކުދިންނަށް ޚާއްސަ އަކުންބަކުން، އަލީލާން، ބަތްކައްކާ ފަދަ ކުޅިވަރުތަކަކީ މިއަދުވެސް ވަރަށް ގިނަ ދިވެހިންގެ މެދުގައި މަޤުބޫލު ކުޅިވަރުތަކެވެ. މިކުޅިވަރުތަކުގެ ޚާއްސަކަމަކީ މާބޮޑު ޚަރަދަކާއި ނުލާ، ރާއްޖޭގައި އުފެދޭ، ފަސޭހައިން ލިބެން ހުންނަ ތަކެތީގެ އެހީގައި ކުޅެވޭ ކުޅިވަރަކަށް ވާކަމެވެ.

ދިވެހީންނަކީ ލަވަޔާއި މިއުޒިކާއި އަދި ނެށުމަށްވެސް ޝައުގުވެރިކަން ހުންނަ ބައެކެވެ. ނެށުން ތަކުގެ ތެރޭގައި ބޮޑުބެރު ޖެހުން، ތާރަޖެހުން، ބަނޑިޔާ ޖެހުން، ބުންބެރުޖެހުން، ފަތިގަނޑުޖެހުން ފަދަ ކަންތަކާއި ގުޅޭ ނެށުންތައް ހިމެނެ އެވެ. އެވޭލާއިން މިވޭލާއަށް އައި އިރު މިއުޒިކާއި މުނިފޫހި ފިލުވުން މިދަނީ ޒަމާނާއި އެއްގޮތަށް ކުރިލައި ހެދެމުންނެވެ. މިހާރު އާންމުކޮށް މިފަދަ އިހުގެ ނެށުންތައް ފެންނަނީ، ސަގާފީ ޕޮރޮގްރާމްތަކާއި ރަސްމީ ޖަލްސާ ތަކުގަ އެވެ.

ފޮޓޯ: ނައުޝަމް ވަޙީދު

ދިވެހިކާބަފައިންނަކީ އެބައިމީހުން ގަބޫލުކުރަމުން އައި ވަކި އުސޫލުތަކެއްގެ މަތިން، ވިސްނުންމާއި ބުއްދީގެ ބޭނުން ކޮށްގެން ކަންކަން ކުރަމުން ދިޔަ ބަޔެކެވެ. މިދިރާސާއިން ހާމަވަނީ ދިވެހި ކާބަފައިން އެކި ޒަމާންތަކުގައި ކަންކުރަމުން އައިސްފައިވަނީ އެދުވަސްވަރެއްގައި މުޖްތަމައުގެ ހާލަތު އޮންނަ ގޮތެއްގެ މަތިންނެވެ. އާދަތަކާއި ގެންގުޅެމުންއައި އުސޫލުތަށް މާތްވެގެންވާ އިސްލާމް ދީނުގެ އޮނިގަނޑުން ބޭރުނުވާހާ ހިނދަކު، އަމަލުކުރުން ރަނގަޅު ގޮތެއްކަމުގައި ދެކުނެވެ. ވިމާ މިއަދު ދިވެހީންވީ ޒަމާނީ އާދަކާދަތަކާއި އެކު، އިހުގެ އާދަކާދަތަށް ވެސް ދިރުވާ އާލާކޮށް، އޭގެން ދިވެހި މުޖްތަމައުއަށް އިބުރަތް ޙާސިލްކޮށްދިނުމެވެ.