ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއިއަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު ޔޫއޭއީއަށް ފުރާވަޑައިގަތީ އެގައުމުގައި މިމަހުގެ 13 އިން 15 އަށް ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ދަތުރުފުޅަކީ ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސަމިޓުގައި މައިގަނޑު 6 ތީމެއް ކަނޑައަޅައިގެން ކުރިއަށްގެންދާއިރު، އެތީމުތަކަކީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ ތީމުތަކެކެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންގެ އިތުރުން ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް މި ސަމިޓުގައި ކުރިޔަށްގެންދާނެ އެވެ.
އެގޮތުން މި ސަމިޓުގައި ފިއުޗާ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. ހަަމައެހެންމެ މި ސަމިޓުގެ ދަށުން ރާއްޖޭގެ ސަރުކާރާއި ޔޫއޭއީ ސަރުކާރާއި މެދުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި އެމަނިކުފާނު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގަ އެވެ.
			ޑޮލަރުތައް ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
								
								