ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ ހައިކޯޓުގެ ފަޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވާ ބުދަދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށް ޖޭއެސްސީއިން ބުންޏެވެ.

ޖޭއެސްސީގެ އިއުލާނުގައި އިތުރަށް ބުނީ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި އަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތިން ކަމަށާއި މި ގަވާއިދު ގެޒެޓުންނާއި ޖޭއެސްސީގެ ވެބްސައިޓުން ފެންނަން ހުންނާނެ ނެކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މުސާރައަށް -/36،0000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި -/15،000 ރުފިޔާ އާއި -/3،300 ރުފިޔާ އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި ހުރިހާ މައްސަލަތަކެއް ވެސް މިހާތަނަށް ބަލަމުން އައީ އެންމެ މަދުވެގެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ނަމަވެސް މިހާރު ވަނީ އެންމެ ފަނޑިޔާރަކަށް ވެސް ހައިކޯޓުގެ މައްސަލަތައް ބެލެނޭ ގޮތައް ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަ އެވެ.