އުމުރުން 55 އަހަރު ނުވި ނަމަވެސް، މަގާމުގައި 10 އަހަރު ހަމަވެފައިވާ ފަނޑިޔާރުންނަށް ޝަރަފްވެރި ކަމާ އެކު މުސްކުޅިކުރެވޭގޮތް ހަދައިފި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެއީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވުމާއި، އުމުރުން 70 އަހަރުވުމުން އޮޓޮމެޓިކުން ވަކިވުމާއި، ސިއްހީ ސަބަބުތަކަށްޓަކައި އަމިއްލައަށް އެދިގެން މަގާމުން ވަކިވުމެވެ.

އިއްޔެ އިސްލާހުކުރި ފަނޑިޔާރުންގެ ރިޓަޔަމެންޓް ގަވާއިދުގައި ބުނެފައިވަނީ، ފަނޑިޔާރުކަމުގައި ހުރެވޭނެ އެންމެ ދޮށީ އުމުރު ހަމަވުމުން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފަނޑިޔާރުން ފިޔަވައި، އަމިއްލައަށް އެދިގެން ވަކިވާ ނުވަތަ އިސްތިއުފާ ދޭ ފަނޑިޔާރުންގެ ތެރެއިން މަގާމުގައި 10 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ ނަމަ އިނާޔަތް ލިބޭނެހެން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރެވޭނެ ކަމަށެވެ.

އަދި އެ ފަނޑިޔާރަކު ޝަރަފުވެރިކަމާ އެކު މުސްކުޅި ކުރެވޭނީ ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއްގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގައި ބަޔާންކުރާ ނަސޭހަތްދީ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ނުވާ ފަނޑިޔާރުން ކަމަށް ވެސް ޤަވާއިދުގައި ބަޔާންކުރެ އެވެ. މީގެ އިތުރުން ސުލޫކީ މައްސަލައެއް ސާބިތުވެ، އެކަމުގެ ފިޔަވަޅެއް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުން ތިން މަސް ދުވަހަށް މަނާކޮށްފައިވާ ފަނޑިޔާރަކު ވެސް ޝަރަފުވެރިކަމާ އެކު މުސްކުޅި ނުކުރެވޭނެ ކަމަށް އައު ޤަވާއިދުގައިވެ އެވެ.

ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިކުރެވޭ ފަރާތްތަކަށް ދޭ އިނާޔަތުގެ ތެރޭގައި، ގަނޑުކޮށްދޭ ފައިސާ އާއި އިނާޔަތްތަކުގެ އިތުރުން މަހުން މަހަށް އުމުރު ދުވަހަށް ދޭ ފައިސާގެ އިނާޔަތް އަދި މެޑިކަލް އިންޝުއަރަންސް ހިމެނެ އެވެ.