ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޑްރަގް ކޯޓުގެ ގާޒީކަމުގައި ހުންނެވި މުހައްމަދު ސަމީރަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ގާޒި ސަމީރަށް ފިޔަވަޅު އެޅުމަށް ނިންމީ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުން ކުށްވެރިކޮށް، އެ ވަކީލުންނާމެދު ޒާތީ ތައައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ވާހަކަދައްކާ އަމަލުކުރިކަމުގެ ޝަކުވާ އާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު ބުނީ, ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި, އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ގާޒީ ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާކަމާއި, އަދި ދިފާޢީ ވަކީލުން ކުށްވެރިކޮށް އެ ވަކީލުންނާމެދު ޒާތީ ތަޢައްޞުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު ޢަމަލުކޮށް ވާހަކަދައްކާފައިވާކަން ސާބިތުވާ ކަމަށެވެ.

ގާޒީ ސަމީރުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލުތަކަކަށްވާތީ އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނިގޮތުގައި މިގޮތަށް އެ ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގަ އެވެ.