ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ރިޓަޔާކުރައްވުމަށް ހުށަހެޅުއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ހުށަހެޅުން ގަބޫލުކޮށްފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ އަބްދުﷲ އަލީގެ ރިޓަޔަމަންޓް ގަބޫލުކޮށް, އިއްޔެ ގާޒީއަށް އެކަން އަންގާފައިވާކަމަށެވެ. އަދި ރިޓަޔާ ކުރެއްވުމުގެ ކުރިން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ނިންމަން ޖެހޭ މައްސަލަތައް ނިންމުމަށް އުސޫލުގެ ދަށުން ދޭ 14 ދުވަސް ދީފައިވާކަމަށް ޖޭއެސްސީއިން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުން ސިވިލް ކޯޓުގެ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ނިމާލު ޖުނައިދާ އެވެ.

ގާޒީ އަބްދުﷲ އަލީ ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ރަސްމީކޮށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު އެވެ. ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ގާޒީ އަބްދުﷲ އަލީއަކީ މެޖިސްޓްރޭޓްކަން ވެސް ގިނަ އަހަރުތަކަކު ކުރައްވާފައިވާ ބޭފުޅެކެވެ.