ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޝަކީލްގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭ ބަންދަށް ބަދަލުކުރި މައްސަލައާ ގުޅިގެނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލަ، ތަހްގީގު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް އިއްޔެ ނިންމާފައިވާކަމަށެވެ.

ގާޒީ ޝަކީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތައް ބައްލަވާ ގާޒީ އެވެ.

މީގެކުރިން ވެސް، ޝަކީލްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައި، އޭނާ ކުއްލި ގޮތަކަށް ކްރިމިނަލް ކޯޓުން ފެމެލީ ކޯޓަށް ބަދަލުކުރި އެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރުކުރުމުންނެވެ. އޭގެފަހުން ފެމެލީ ކޯޓުގައި ހުންނެވުމަށް ފަހު އޭނާއަށް އަނެއްކާވެސް ކުރިމިނަލް ކޯޓުގެ ގާޒީކަން ދިނީ އެވެ. ފަހުން ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވުމާ އެކު، އެ މަގާމަށް އޭނާ އެކަނި ކުރިމަތިލެއްވުމުން މަގާމަށް އައްޔަންކުރި އެވެ.