ކުރިން އޭނާ ހުންނަނީ މިއަދު އެ ހުރި ގޮތަކަށް ނޫނެވެ. އެއް ދުވަސްވަރެއްގައި ހިކެމުން ގޮސް ކަންބޮޑުވާ މިންވަރަށް އޭނާ ހިކުނެވެ. ދެން ވީ ފަލައެވެ. ފަލަވެގެން ގޮސް އިންތިހާއަށް ނޫނަސް ވަރަށް ބޮޑަށް ފަލަވިއެވެ. އެހެން ނަމަވެސް މިއަދު މުޅިން ތަފާތެވެ. މިއަދު އޭނާ ފެންނަނީ، ދުޅަހެޔޮ ރީތި ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައެވެ. ހިތްވަރާއެކު އޭނާ ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެވެ.

މިއީ "ރޭޖް"ގެ ނަމުގައި އަމިއްލަ ޖިމެއް ހިންގުމުގައި ހަރަކާތްތެރިވަމުން އަންނަ ހ. އެލިޔަތުވިލާ މަރިޔަމް ޝަންމާ އިބްރާހީމް (ޝައްމަ) ގެ ވާހަކައެވެ. މި ހަފުތާގައި އަހަރެމެން ވަގުތު ހޭދަކޮށްލާނީ ޝަންމައާއެކުގައެވެ. ޝަންމަގެ ހަޔާތުގެ ޞަފުޙާތައް އުކާލުމުގައެވެ. ޝަންމައާއެކު އޭނާ މާޒީގެ ދުވަސްތަކުގެ ތެރެއަށް ފީނާލަމާ ހިނގާށެވެ.

https://www.instagram.com/p/BmfwaN0l3z3/

އަމީނިއްޔާ ސްކޫލުން ތައުލީމް ޙާޞިލުކުރުމަށްފަހު މަތީތައުލީމް ހާޞިލުކުރަން ޝަންމަ ފުރަތަމަ ދިޔައީ ސިލޯނަށެވެ. އެހެންނަމަވެސް ކަންދިމާވީ ވަރަށް ދެރަގޮތަކަށެވެ. ސިލޯނުގައި ކިޔަވަން ހުއްޓާ، އޭނާ މާ ބޮޑަށް ބަލިވީ އެވެ. ބައްޔާގުޅިގެން ކައި ހިތްކެނޑި، ދޭތެރެ ދޭތެރެއިން އިންޑިއާގައި ހޮސްޕިޓަލުގައި ބާއްވަން ވެސް ޖެހެނީއެވެ. އޭގެ ފަހުން އިންޑިއާއަށް ބަދަލުވިއެވެ. ބޭސްފަރުވާކުރާށާއެކުގައެވެ. ޝަންމަގެ ބައްޔަކީ "ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް"ކަން އެނގުނީ އިންޑިޔާއަށް ގޮސް ހެދި ޓެސްޓުތަކުންނެވެ.

ޝަންމަގެ ފިރިމީހާ އަދި ދަރިފުޅާއެކު.

ބަލިވި ދުވަސްވަރު ޝަންމައަކަށް ނުކެވެއެވެ. މި ކަހަލަ ގޮތަކަށް ދެ އަހަރެއްހައި ދުވަސް ދިޔައިރު، އޭނާ ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. 53، 54 ކިލޯގައި ހުރި ޝަންމަގެ ބަރުދަން ސާޅިހަކަށް ކިލޯއަށް ވެއްޓުނެވެ.

އިންޑިޔާއިން ބިޒްނަސް މެނޭޖުމަންޓުން ޑިގްރީ ހާސިލުކޮށްގެން ޝަންމަ މާލެއައީ، 2008 ވަނަ އަހަރުއެވެ. އޭރު އޭނާއަށް ކުރިމަތިވި ބަލިމަޑުކަމުން ﷲގެ ހެޔޮ ރަޙުމަތާއެކު ވަނީ މުޅިން ސަލާމަތްވެ ފުރިހަމަ ޞިއްހަތެއް ލިބިފައެވެ. އެހެންނަމަވެސް ބަލިން ގަދަވުމާއެކު ދެން ދިމާވީ މާތަފާތު ގޮތެކެވެ.

"އެހައި ދުވަހު ނުކެވި ހުރެފައި ކެވޭގޮތްވުމުން ދެން ހަމަ ކާހިތްވީ. ޖަންކްފުޑާއި އޭތި މީތި ކެވެން ފެށީ. އަނެއްކޮޅުން ބައްޔަށް ބޭސްކާންފެށީމައާއެކު ވަރަށް ބޮޑަށް ފަލަވާންފެށީ. އޭރު އެއްވެސް ވަރަކަށް އެކްސަސައިޒެއް ވެސް ނުކުރަން." ޝަންމަ ފަލަވާން މެދުވެރިވި ސަބަބު ކިޔައިދިނެވެ.

ޝަންމަ 2011 ވަނަ އަހަރު 58 ކިލޯ ބަރުދަނުގައި ހުރިއިރު މިއަހަރު ވެސް ހުރީ ހަމަ އެމިންވަރުގައި.

ކެއުމަށް މާ ބޮޑު ބެލުމެއްނެތި، ކަސްރަތެއް އަމުދުންނުކޮށް އުޅެމުންދިޔުމުގެ ސަބަބުން، ޝަންމަގެ ހަށިގަނޑުގައި މަސްޖަހަމުން ބަރުހެލިވަމުންއައެވެ. އެ ގޮތަށް ގޮސް 60 ކިލޯއަށް އެރިއެވެ.

"އެހެން އުޅެނިކޮށް ފީލްވާންފެށީ ވަރަށް އަންފިޓޭ. އަނެއްކޮޅުން މަންމަ ބަލިވެގެން ގޮވައިގެން އިންޑިޔާގައި ބޭސްފަރުވާއަށް ގޮސް އުޅުނު ދުވަސްވަރު ހިތަށް އަރަންފެށީ، މި އުޅެވެނީ އަދި އެންމެ ރަނގަޅަކަށް ނޫނޭ." ކިޔަވައި ނިމިގެން އައިސް އެމްޓީޑީސީގައި ފުރަތަމަ ވަޒީފާއަދާކުރަންފެށި ޝަންމަ ކިޔައިދިނެވެ.

އެހައިތަނުން އަންފިޓްކަމަށް ބިރުގަނެ، ޝަންމަ އަމިއްލައަށް ވިސްނިގެން ކަސްރަތުކުރަން ޖެހިއްޖެ ކަމަށް ޤަބޫލުކޮށްފިއެވެ. އެހެންކަމުން މަންމަގެ ބޭސްފަރުވާއަށްފަހު މާލެ އައިސް، 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޝަންމަ ކަސްރަތުކުރުމުގެ ނިޔަތުގައި ދުވަން ދާންފެށި އެވެ. ހަމައެއާއެކު ކެއުމަށް ވެސް ބަދަލުތަކެއް ގެންނާންފެށިއެވެ. ރޭގަނޑު އަވަހަށް ކައި، އަވަހަށް ނިދާން ފެށިއެވެ.

ރޭޖް ހިޓް ޖިމްގައި ޝަންމަ ބަރު އުފުލަނީ.

އެއީ މީރާގައި ޝަންމަ ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރުކަމަށްވާތީ، މަސައްކަތް ވަރަށް ބުރައެވެ. އެހެންނަމަވެސް އޭނާ ގަވާއިދުން ދުވަންދެއެވެ. އެންމެ ދުވަހެއް ވެސް ވައްޓާނުލައެވެ. އަދި ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް، ޔޯގާ ވެސް ހަދައެވެ. މި ކަހަލަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް، ވަޒީފާއަށް އައި ބަދަލަކާއެކު، ތަންކޮޅެއް އަވަހަށް އޮފީސް ނިމޭ ގޮތްވުމުން، 2014 ވަނަ އަހަރު ޝަންމަ ޖިމަށް ދާން ފެށިއެވެ.

"ޖިމަށް ދިޔައިރު ވެސް އެންމެ ދުވަހެއް ވެސް ދޫކޮށްނުލަން. އެހެންވެ ޓްރޭނަރ ވެސް ވަރަށް ލޯބިވާނެ އަޅުގަނޑުދެކެ،" ޖިމަށް ގޮސް ވެއިޓް ޓްރޭނިން ހަދަންފެށި ޝަންމަ ހީނލާފައި ބުންޏެވެ.

މާސްޓާސް ނިމުނުފަހުން، 2016 ވަނަ އަހަރު ޝަންމަ ކައިވެނިކުރިއެވެ. ޖެހިގެން އައި އަހަރު ވީ، ޝަންމަގެ ހަޔާތަށް އައި ވަރަށް އުފާވެރި، އެހެންނަމަވެސް ދުވަސްތަކަކު ބަލިކޮށް އުޅެންޖެހުނު އަހަރަކަށެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނުމާގުޅިގެންނެވެ. ގިނަ ދުވަސްދުވަހު ޝަންމައަކަށް ނުތެދުވެވެއެވެ. އެހެންނަމަވެސް ތެދުވެވޭ ދުވަހަކުވިއްޔާ ގޭގައިވީ ވަރަކަކުން ކަސްރަތު ކޮށްހަދައެވެ.

ޝަންމަގެ ފިރިމީހާ އަދި ދަރިފުޅާއެކު ރަށެއްގެ ގޮނޑުދޮށުގައި.

2017 ވަނަ އަހަރު، އެހެން ގޮތަކުން ވެސް ޝަންމައަށް ޚާއްޞަ އަހަރަކަށްވިއެވެ. ޝަންމަގެ ދެމަފިރިން، ރައްޓެއްސަކާ ގުޅިގެން އަމިއްލަ ޖިމްއެއް ހެދުމުގެ މަސައްކަތް ފެށި އަހަރަށް ވުމުންނެވެ. ހެންވޭރު އާޓިފިޝަލް ބީޗާ ދިމާގައި ފެންނާން ހުރި "ރޭޖް ހިޓް ޖިމް"އަކީ، އޭރު ދުށް ހުވަފެނާއި ކުރި މަސައްކަތުގެ ނަތީޖާއެވެ.

"ކުޑަ ޖާގައެއްގައި ތަފާތު ކޮންސެޕްޓަކަށް ފެށި ޖިމްއެއް އެއީ. އެތާކު މާގިނަ މެޝިނަރީޒްއެއް ނުހުންނާނެ. އިކްއިޕްމަންޓްސް ހުންނާނީ. އަޅުގަނޑުމެންގެ މައިގަނޑު ކޮންސެޕްޓަކީ ފެޓް ލޫސްކުރަން ކުލާސްތަކެއް ހިންގުން." ދެ ޖިންސަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ހުޅުވި ޖިމްއާ ބެހޭގޮތުން ޝަންމަ ބުންޏެވެ.

ރޭޖް ހިޓް ޖިމްގައި ޝަންމަ ބަރު އުފުލަނީ.

ވަރަށް ޒިންމާދާރު މަޤާމެއްގައި މިހާރު ވެސް ވަޒީފާއަދާކުރަމުން ގެންދާ ޝަންމަ މިއަދު ދުވާކަށް ނުދެއެވެ. ވަގުތު ހޯދައިގެން ކަސްރަތުކުރަނީ ޖިމްގައެވެ. ބޮޑަށް އިސްކަންދެނީ ސްޓްރެންތް ޓްރޭނިންއަށެވެ. ޝަންމަ ޤަބޫލުކުރާ ގޮތުގައި ހަށިގަނޑަށް އެންމެ ފައިދާހުރި ކަމަކީ، ސްޓްރެންތް ޓްރޭނިން އެވެ. އުމުރުން ދުވަސްވަމުން އަންނަ ފަރާތްތަކުން ވެސް މިއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އޭގެސަބަބުން ކަށިތައް ވަރުގަދަވެއެވެ. ވަރަށް ގިނަ ބަލިތަކުން ސަލާމަތްވެއެވެ. ފެޓް ޕަސެންޓޭޖު ދަށްވެފައި، މަސުލް މާސް ގިނަވާތީއެވެ.

ގިނަ ބަޔަކު އެދެމުންދާތީއާއެކު، ޓްރޭނަރަކަށްވުމުގެ ފިކުރު މިއަދު ޝަންމަ އެބަ ގެންގުޅެއެވެ. އެހެންކަމުން ޝަންމައާއެކު ޖިމްގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށްވާނެއެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅަކު އިންތިޒާރުކޮށްލާން އަދި ޖެހޭނެއެވެ.