ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއް ކަމަށާއި އެގޮތުން ކޮންމެ މީހަކީ ވެސް ކުޑަކުދިންގެ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމްކުރާ، އެ ކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށްވާން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ރައީސް ވަނީ ޒަމާނީ ތަޢުލީމުން ކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަހުލާގުގެ މަތީގައި އެ ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެފަދައިން މުޖްތަމައުގައި ހުރި ނޭދެވޭ ސިފަތަކާއި އަމަލުތަކުން ދުރުހެލިކޮށް، މުޖްތަމައުގެ ސުލްހަ އާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއްކަން ވެސް ރައީސްގެ ހިތޯބުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ހިތޯބުގައި، ދަރިންނަކީ މައިންބަފައިންގެ ފަޚުރެއްކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން ކުދިންނަށް ރަނގަޅު ތައުލީމާއި ރިވެތި ތަރުބިއްޔަތު ދީގެންކަމުގައި ވިދާޅުވި އެވެ. އެގޮތުން ދަރިންގެ ހިތްތަކުގައި އަނެކުންނަށް އިހުތިރާމް ކުރުމުގެ މާތް ސިފަ އަށަގެންނެވުމަށާއި ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަންކުރުމަށް މަސައްކަތްކޮށްދެއްވުމަށް މައިންބަފައިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް