ބާލީ- (25 އޮގަސްޓް) ކޮރޯނާ ވައިރަހާއި ގުޅިގެން 2020 ވަނަ އަހަރުގެ ބާކީ މިއޮތް ދުވަސްތަކުގައި ބޭރުގެ ފަތުރުވެރިންނަށް އިންޑޮނޭޝިއާގެ ބާލީ އަށް ނާދެވޭ ގޮތަށް ނިންމައިފި އެވެ.

ބާލީގެ ފަތުރުވެރިކަމާ ބެހޭ ފަރާތްތަކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަންނަ މަސްތެރޭ ބޭރުގެ ފަތުރުވެރިންނަށް އާދެވޭ ގޮތަށް އެ ރަށް ހުޅުވާލާނެ ކަމަށެވެ.

އެހެން ނަމަވެސް އިންޑޮނޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން އެ ޕްލޭންތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މި ނިންމުމާއި އެކު އެ ސަރަހައްދުގައި ދިރިއުޅޭ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ކުރާނެ އަސަރުތަކާއި ގުޅޭ ގޮތުން ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ބާލީ އަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފަތުރުވެރިން ދަތުރުކުރަމުން ދިޔަ މަގުބޫލު މަންޒިލެކެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކާއި އެއްގޮތަށް މި ޕެންޑެމިކްގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، އެޅިގެން ދިޔަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކީ ފަތުރުވެރިން އަންނަ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. -- ބީބީސީ