މަތީގައިވާ ފޮޓޯއަށް ބަލާއިލަ ބަލާށެވެ؛ މިއީ އިހަށް ދުވަހު މާލޭގައި ހުޅުވި ލޮނުޒިޔާރަތް ޕާކަށް ވަންނަން ގޮސް ކިޔޫގައި ތިބި މީހުންނެވެ. މި ފޮޓޯއަށް ބަލައިލުމުން ކޮވިޑް ބަލިމަޑުކަން މާލޭގައި ފަތުއަޑުކިޔާފައި ފެތުރެމުންދާތީ ބަޔަކު ކަންބޮޑުވެގެން އުޅޭ ހެން ހީވޭ ހެއްޔެވެ؟

އެހެން އަހަރެކޭ އެއްގޮތަށް މި އަހަރާ މެދު ވެސް ގިނަ ބަޔަކު ފޮނި އުއްމީދުތަކެއް ކުރި އެވެ. ނަމަވެސް މުޅި ދުނިޔެ މައްޗަށް ނެގި ކޮވިޑް-19ގެ ބަނަ ވިލާގަނޑާއެކު ހުވަފެންތައް ވިއްސިވިހާލިވެ 2020 ގެ ތަސައްވުރު ދިޔައީ ފެނަށެވެ.

ޗައިނާގެ ވޫހާންއިން ފެތުރިގެން އައި ކޮވިޑް-19ގެ ވިލާގަނޑު އަޅުގަނޑުމެންގެ މި ކުޑަ ރާއްޖެއާއި ހަމައަށް ވެސް ފޯރާ މުޅި ރާއްޖެ ވެސް ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

އެޕްރީލް މަހުގެ 15 ވަނަ ދުވަހު މާލޭގެ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި އެކު މުޅި ރާއްޖެ ލޮކްޑައުންކުރި އެވެ. އެއާއި އެކު ދަތުރު ފަތުރު ހުއްޓުމަކަށް އައިސް މަހެއްހާ ދުވަހު މާލޭގެ ރައްޔިތުން ގޭގައި ބަންދުވި އެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި ލޮކްޑައުންއަށް ލުއިތަކެއްދީ މާލެ ތެރެއަށް މީހުންނަށް ނުކުމެވޭ ގޮތް ހެދި އެވެ. އެއާއި އެކުވެސް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ގެންދިޔައީ ރާއްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުމަށެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށް، އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން އަދި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ކެނޑިނޭޅި އިރުޝާދު ދެމުން ގެންދިޔަ އެވެ.

ކޮވިޑް-19 ގެ ކޭސްތައް ދުވަހީ ގޮޮތެއްގައި ރިޕޯޓުކުރަމުންދާ އަދަދަށް ބަލާ މިހާރު މިވަނީ ކުރިއަށްވުރެ ވެސް ބޮޑު ލުއިތަކެއް ދީފަ އެވެ. އަދި ފިނި މައިޒާން ތަކާއި ޕާކުތައް ހުޅުވާލާ 15 މީހުންނަށް ވުރެ ގިނަ ނުވާނެހެން އެއްވުންތައް ބޭއްވުމަށް މިވަނީ ހުއްދަ ދީފަ އެވެ.

މިހާރު މާލޭގެ މަގުމައްޗަށް ނުކުމެވުމުން މިއުޅެވެނީ ހަގީގަތުގައި ބޮޑު ބަލިމަޑުމަކެއްގެ ތެރޭގައި ބާއޭ ހިތަށް އަރަ އެވެ. ގިނަ ފަހަރަށް އެކަން ހަނދާން ވަނީ ވެސް މާލޭގެ އެކި ހިސާބުތަކުގަައި ރެންޑަމް ސާމްޕަލް ނެގުމަށް ޕީޕީއީގައި ހަރަކާތްތެރިވާ މީހުން ފެނުމުންނެވެ. ވާނީ ވެސް އެހެންތާ އެވެ. ފިހާރަތަކަށް ވަދޭވޭނީ ފަހަރަކު ދެ މީހުންނަށް ކަމަށް ލިޔެވިފައި އޮތަސް އެ ފިރާހަ ތެރޭގައި އެއްފަހަރާ ފަސް މީހުން ތިބެ އެވެ. ރެސްޓޯރެންޓްތައް އޮންނަނީ ތޮއް ޖެހިފަ އެވެ. ފިނި މައިޒާންތަކާއި ޕާކުތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ގައިދުރުކުރުމަށް ސަމާލުކަން ނުބަހައްޓާ އިރު އެންމެ ކުޑަމިނުން މާސްކު ވެސް އަޅަނީ ދެން އެޅީމޭ ބުނަން ވެގެންނެވެ.

ދާދި ފަހުން ހުޅުވި "ލޮނުޒިޔާރަތް ޕާކް"އަށް ވަންނަން މީހުން ކިޔު ހަދާލާފައި އޮތް ވަރު ފެނިފައި ހަމަ އަޖައިބު އަންތަރީސް ވި އެވެ. ދެން ފެނުނީ މާލޭގައި ކައިވެންޏެއްގެ އުފަލުގައި ހަވާ އެރުވި މަންޒަރު ބެލުމަށް އިއްޒުއްދީން ޖެޓީ ކައިރިއަށް މީހުން އެއްވެފައި އޮތް މަންޒަރެވެ. މިއޮތް ފަދަ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތައް ހަމަ އަޑުނީވެނީ ހެއްޔެވެ؟ ނުވަތަ އަޑު އަހަން ބޭނުން ނުވަނީ ހެއްޔެވެ؟

މާލޭގައި ހަވާ އެރުވި މަންޒަރު ބަލަން އިއްޒުއްދީން ޖެޓީކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި. ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)/ އަވަސް

ތިތިބީ ގޭގައި ތިބެ ތިބެފޫހި ވެފައި ކަން އެނގެ އެވެ. ކުޑަކޯށް ބޯ ހަމަޖައްސާލަން ބޭރަށް ނުކުންނަން ވެސް ވާނެ އެވެ. ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިއީ ކުރީގެ އާންމު ހާލަތެއް ނޫންކަން އަމިއްލައަށް ވެސް ދަންނަން ވާނެ އެވެ. ތިމާގެ ރައްކާތެރިކަމާއި އެއްވަރަށް އެހެން މީހުންގެ ރައްކާތެރިކަމަށްވެސް އިސްކަންދޭން ވާނެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި މިއޮތީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި މިންނެތް މަސައްކަތުންނެވެ. ފަރުވާކުޑަކޮށްލައިފި ނަމަ ތިން ވަނަ ރާޅަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ބޭރަށް ދިޔަސް މައްސަލައެއް ނޫނެވެ. ނަމަވެސް މާސްކު އެޅުމާއި އެކު ތި ހުރެވެނީ އެހެން މީހުންނާއި ތިން ފޫޓު ދުރުގައި ކަން އަމިއްލަ އަށް ކަށަވަރު ކުރާށެވެ.