ދިވެހީންގެ ކަންކަން ނިންމުމުގައި ފަހުބަސް ބުނުމުގެ ހައްގު ދިވެހިންގެ ކިބައިން ގެއްލިގެން ގޮސްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހެން ބުނެފައިވަނީ މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައި އެވެ.

އިދިކޮޅު ކޮލިޝަން އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެތައް ކެމެއް މިގައުމުގައި ހިނގަމުންދާ ތަން ފެނަމުން އަންނަ ކަމަށެވެ. އަދި ދިވެހިން ކަމުގައި ބަސް ބުނުމުގެ ހައްގު މިހާރު ނެތިގެން ގޮސްފައިވާ މިންވަރު ފެނިގެންދާ ކަމަށްވެސް ކޯލިޝަނުން ބުނެ އެވެ.

"1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މި ގައުމަކީ އަމިއްލަ ބާރު ހިންގާ، އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަފަހުން، އެ ފަޚުރުވެރި ނިންމުމަށް، ދިވެހިރާއްޖޭގެ 'މިނިވަން' ކަމަށް ބުރޫ އަރާނެ އެތައް ކަމެއް ހިނގަމުން ދާތަން މި ގައުމުން ފެންނަމުން ދިޔުމަކީ މިގައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިންގާ ދަރިންގެ ލޮލުން ކަރުނަ ހިލިގެންދާ ފަދަ ހިތާމަ ވެރިކަމެއްކަމުގައި ފާހަގަ ކުރަމެވެ." ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުންޏެވެ.

ރާއްޖޭގެ އަމިއްލަ ވެރިކަމެއް ހިންގަނީ ނަމެއްގައި ކަން ފާހަގަ ކުރަވަމުން އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިންނަށް ވުރެ ބޮޑަށް މި ގައުމުގައި އެހެން ގައުމެއްގެ ރައްޔިތުންނަށް ދެވޭ އިއްޒަތާއި ޝަރަފު ބޮޑުވެ ޒަމާނުއްސުރެ ދިވެހިން ގަބޫލުކޮށްގެން ތިބި އެތައް ކަމެއް ބަދަލުކުރަން މަޖުބޫރުވާ ހާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށެވެ.

ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ބަޔަކު ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ވަނީ ކުރައްވާފަ އެވެ. އަދި ދިވެހިން ބޭނުންވަނީ ދިވެހިންގެ ކާބަފައިން މި ޤައުމު މިހައި ހިސާބަށް ގެނެސްދިން ގޮތަށް އުނިއިތުރުކުރުމެއް ނުގެނެސް ހަމަ އެ ގޮތުގައި އަންނަން އޮތް ޖީލުތަކާ ހަމައަށް ޤައުމު ފޯރުކޮށްދިނުން ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.

އިދިކޮޅު އިއްތިހާދު އޮންނާނީ އެގޮތަށް ގައުމުގެ މިނިވަންކަން ގެއްލިދާނެ ކޮންމެ ކަމަކާ ދެކޮޅަށް ބަސްބުނާ ކޯލިޝަނެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ފާރަވެރިވާނެ ކަމަށާއި، ގައުމުގެ މިނިވަންކަމާއި ރާއްޖޭގައި އޮތް އިސްލާމްދީން ގެއްލިގެން ހިނގައިދާނެ ގޮތަށް ސަރުކާރުން ކުރާ ހުރިހާ ކަމެއް ހުއްޓުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވައިލާފަ އެވެ.