ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ޕާޓީތައް ރުއްސަން ކުރެއްވި ކަމެއް ނުފެނުނު ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތައް ރުހޭ ގޮތަށް ވެރިކަން ކުރާ ކަމަށްވާނަމަ އެމްޑީޕީއަށް ގެއްލުންވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ރައްދު ދެއްވާ އެމްޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބޮޑުވާ ބިއްލޫރި އަޅައިގެން ވެސް ރައީސް ސޯލިހު ކޯލިޝަން ޕާޓީތަކުން ރުއްސަން ކުރެއްވި ކަމެއް ނުފެނުނު ކަމަށެވެ.

ރައީސް ސޯލިހުގައި ދިފާއުގައި އެންމެ ގިނައި ވާހަކަ ދައްކަވާ އެމްޑީޕީގެ މަޖިލިސް މެމްބަރު ޝަރީފް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ވީ ވަޢުދު ފުއްދުމަށް މަސައްކަތް ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވަޢުދުތައް ފުއްދައިދިނުމާއެކު ވެރިކަން ދެމެހެއްޓުން ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ޝަރީފަކީ ރައީސް މުހައްމަދު ނަޝީދާ އަބަދުވެސް ހިޔާލު ތަފާތުވުންތަކެއް ހުންނަ މެމްބަރެކެވެ. އެގޮތުން މަޖިލީހުގެ ބަހުސްތަކުގައި ވެސް ރައީސް ނަޝީދު އާއި ޝަރީފް ބަހުގެ ހަމަލާތަކެއް ރައްދު ކުރެ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ހިޔާލު ތަފާތުވެ އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު އަންނަނީ ފާޅުގައި ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ވެސް ރައީސް ސޯލިހުގެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލާއި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގް ކުރިއަށްދާ ގޮތުން މިސަރުކާރަށް ތާއީދު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ދޫކޮށް ވެރިކަން ކުރާ ކޯލިޝަންގެ ސިޔާސަތުގައި ހިފައިގެން ކުރިއަށްދާނަމަ، އެމްޑީޕީއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ދޫކޮށް، އިއްތިހާދުގެ ބައިވެރިން ހިތްހަމަ ޖައްސަން އުޅެފިނަމަ އެއީ ޕާޓީއަށް ވަރަށް ބޮޑު ދެރައެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް މަޖިލިސް އެމްޑީޕީ ބައެއް މެމްބަރު ފާޑުވިދާޅުވުން ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް އެއްވެސް އެމްޑީޕީ މެމްބަރަކަށް ރައްދެއް ނުދެވޭނެ ކަމަށާއި ހިޔާލެއްވެސް ފާޅެއް ނުކުރެވޭނެ ކަމަށް އެމެމްބަރުން ވަނީ ބުނެފަ އެވެ.