މާލެ ސަރަހައްދު ގުޅާލުމުގެ ޕްރޮޖެކެޓްގެ ދަށުން މާލެ- ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫ ހަވާލު ކުރާނެ ކުންފުންޏެއް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިންމާނެ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ތިލަމާލެ ބްރިޖުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ހަވާލުކުރާނެ ކުންފުނި ކުރިއަށް އޮތް ދެ ހަފްތާގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ތިލަ މާލެ ބްރިޖުގެ މަސައްކަތަށް އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ބަޔަކު ކަނޑައެޅުމަށް ފަހު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށެވެ.