އެމްއެންޑީއެފް އިން އަންގައިގެން، މުލިއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ހުރި ކާނުތައް މަދުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މުލިއާގޭއަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅެވެ.

މާލެ ސިޓީކައުންސިލު މެމްބަރު އަހުމަދު ނަރީޝް ވިދާޅުވީ މުލިއާގޭގެ ވަށައިގެންވާ ސަރަހައްދުތަކުގެ ކާނުތައް މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފް އިން އެދުމުން ކަމަށެވެ. އަދި ކާނުތައް މަދުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ ވެސް އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ހުރި ސައިކަލްތައް ނަގަން އެމްއެންޑީއެފް އިން ސިޓީ ކައުންސިލްގައި އެދުނުތާ އެތައް ދުވަހެއް ފަހުންނެވެ. ހަމަލާ ދިނުމުން ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ޕާކް ކުރުން މަނާ ނުކުރެވި އޮތީ ބިއްލޫރިޖެހިގޭ ގޯތީގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދެއްވައިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރު ވަނީ ނީލޯފަރު ހިނގުމުގައި ޕާކު ނުކުރެވޭ ގޮތް ހަދައި ބިއްލޫރިޖެހިގޭ ގޯތިރޭގައި ޕާކިން ޒޯނެއް ހަދާފަ އެވެ.