ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ، ގައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕުން ޝާހިދު ބޭރުކޮށްފައިވަނީ މީގެކުރިން ވެސް އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުން ކަމަށެވެ. އެއީ ޝާހިދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން، އެ ގްރޫޕުގައި ދެކެވޭ ވާހަކަތައް ފުލުހުންނަށް ފެނުމުގެ ފުރުސަތު އޮންނާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މި މައްސަލައާ ގުޅިގެން ޝާހިދާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައިވާކަން ފުލުހުންނަށް މިހާތަނަށް ކަށަވަރުކޮށްދެވިފައެއް ނުވެ އެވެ.

ޝާހިދު ހައްޔަރުކުރި އިރު ވެސް އަދި ބަންދުގެ މުއްދަތު އިތުރުކުރިއިރު ވެސް، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތްކަން ވަނީ އެނގިފަ އެވެ.