ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުން މުޒާހަރާތަކަށް ވަޑައިގަންނަވާ ވަގުތު ސެކިއުރިޓީ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމި ނަމަވެސް، އެފަދަ އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަލާމަތީ ކަންކަން ހަމަޖެހިފައި ނެތް ނަމަވެސް އެ މަނިކުފާނު މަގުމައްޗަށް ނުކުމެވަޑައިގަންނަވާނެ ކަމަށެވެ. އަދި ބިރުދައްކައިގެން ގޭގައި މަޑުކުރުވޭނެ ކަމަށް އެއްވެސް ފަރާތަކުން ހީކުރުމަކީ ކުށްހީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ މަނިކުފާނަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސިޔާސީ އިސްވެރިންނަށް އަމާޒުކޮށް ގިނައިން ހަމަލާތައް ދީފައިވަނީ ސިޔާސީ އެއްވުންތަކުގެ ތެރެއިންކަން ނަޝީދު ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރުވެސް މިފަދަ ހާދިސާތައް ހިނގާފައިވާކަން އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ކުރީގެ ރައީސުން އެއްވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތު ސެކިއުރިޓީ ކަނޑާލުމަކީ ހަމައެކަނި އެ ބޭފުޅުންގެ ފުރާނައަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެއީ މުޅި ގައުމީ ސަލާމަތަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވި އެވެ. އަދި މިފަދަ ހާލަތެއްގައި ހިނގާފާނެ ހާދިސާއެއްގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަންވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ކުރީގެ ރައީސުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ، އެ ވަގުތަކަށް ސެކިއުރިޓީ ފޯރުކޮށްނުދިނުމަށް ނިންމާފަ އެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ހަކުރު ބައްޔާއި ލޭގެ ޕްރެޝަރުން ލޮލުގެ ފެނުމަށް އަސަރު ކުރޭ!
