އިޒްރޭލުގެ ސިފައިން ލުބުނާނާއި، ސީރިޔާ އަދި ގައްޒާގައި ވަކި މުއްދަތެއް ނެތް ގޮތަށް މަޑުކުރާނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު ބުނެފި އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުދަ ދުވަހު ބުނީ، ލުބުނާނާއި ސީރިޔާ އަދި ގައްޒާގައި އިޒްރޭލުން އަމިއްލައަށް ކަނޑައަޅާފައިވާ ސަލާމަތީ ސަރަހައްދުތަކުގައި އެ ގައުމުގެ ސިފައިން ދެމިތިބޭނެ ކަމަށެވެ. އަދި އެ ތަންތަނުން ސިފައިން ބޭލުމަށް އެއްވެސް ތާވަލެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ އެވެ.

އޭނާ މިކަން ހާމަކުރީ 2006 ވަނަ އަހަރު ލުބުނާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި މަރުވި އިޒްރޭލް ސިފައިންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުންނެވެ.

މީގެ އިތުރުން، އީރާނަށް ދީފައިވާ އިންޒާރު އޭނާ އަލުން ތަކުރާރު ކުރި އެވެ. ލުބުނާނުގައި އިޒްރޭލުން ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ، އެ ގައުމަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް އޭނާ ބުންޏެވެ.

އިޒްރޭލާއި ލުބުނާނާ ދެމެދު ސުލްހަ ގާއިމުކުރުމަށާއި، އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތުގެ ހަތިޔާރު އެޅުން ހުއްޓުވުމަށް މަގުފަހިކުރުމުގެ ގޮތުން، އެމެރިކާގެ މެދުވެރިކަމުގެ ދަށުން އެކުލަވައިލި އެއްބަސްވުމެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އެ ގައުމުގެ އިސްވެރިން ބުނަމުން ގެންދަނީ، ލުބުނާނުގެ ދެކުނުން ސިފައިން ބޭލުމަށް އެއްބަސްނުވާނެ ކަމަށެވެ. އެ ސަރަހައްދުގައި އަދިވެސް އިޒްރޭލް ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.

އިޒްރޭލުން ބުނާ ގޮތުގައި، ސިފައިން ބާލާނީ މުޅި ލުބުނާނުގައި ހިޒްބުﷲގެ ހަތިޔާރުތައް ނައްތާލުމަށް ފަހުގަ އެވެ.

މިދިޔަ މާޗު މަހުގެ ކުރީކޮޅު، އީރާނުގެ ސްޕްރީމް ލީޑަރު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން، ލުބުނާނު ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. މީގެ ރައްދުގައި އިޒްރޭލުން ވަނީ ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީ، އެ ގައުމުގެ ދެކުނަށް އެއްގަމު މަގުން އަރައިގަނެފަ އެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 4,300 މީހުން ވަނީ މަރުވެފަ އެވެ. އަދި އިޒްރޭލް ސިފައިންގެ ތެރެއިން 38 މީހަކާއި އެކަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ.

ސީރިޔާގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުނު ފަހުން، އިޒްރޭލުން ދަނީ ތަކުރާރުކޮށް ސީރިޔާގެ އެކި ސަރަހައްދުތަކަށް އަރައި، ބޮން އަޅަމުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި އެ ގައުމުން ބޭނުންވަނީ ސީރިޔާގެ ދެކުނުގައި ހަތިޔާރު މަނާ ސަރަހައްދެއް (ޑިމިލިޓަރައިޒްޑް ޒޯން) ގާއިމުކުރުމަށެވެ.

ގައްޒާއަށް ބަލާއިރު، އެ ސަރަހައްދުގެ ގާތްގަނޑަކަށް 70 އިންސައްތަ ބިން މިހާރު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިޒްރޭލް ސިފައިން ގެންދަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްފަރާތުން ހިލާފުވާ ކަމަށް ބުނެ، އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތު ކުރަމުންނެވެ.