އިޒްރޭލްގެ ސިފައިން ގާޒާގައި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، މިގޮތުން ކުޑަކުދިންނަށް އަމާޒުކޮށް ގަސްތުގައި ހަމަލާދެމުންދާ ކަމަށް އދ. ގެ މިނިވަން ތަހުގީގީ ކޮމިޝަނަކުން ހާމަކޮށްފި އެވެ.

އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، އިޒްރޭލުގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރިން ތަޖުރިބާކުރަން ނުޖެހޭ ފަދަ ބޮޑެތި ގެއްލުންތަކާއި، އަނިޔާތަކާއި، ނަފްސާނީ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވެ އެވެ. މި ކޮމިޝަނުން މިދިޔަ އަހަރުވެސް ވަނީ އިޒްރޭލުން ގާޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާ ކަމަށް ނިންމާފަ އެވެ.

ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ކުޑަކުދިންނަށް ގަސްތުގައި ހަމަލާދިނުމަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު ހެއްކެކެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހުވެސް މި އަމަލުތައް ދަނީ ހިންގަމުންނެވެ.

ކޮމިޝަނުގެ މުގައްރިރު ސްރިނިވަސަން މުރަލިދަރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް ފަހުވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ދަނީ ފަލަސްތީނުގެ ކުޑަކުދިން ޝަހީދުކޮށް، ބޮޑެތި އަނިޔާތައް ދެމުންނެވެ.

ނަމަވެސް އިޒްރޭލު ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އިޒްރޭލުގެ ފޮރިން މިނިސްޓްރީން މި ރިޕޯޓަކީ ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ އެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އދ. އަށް ކަނޑައަޅާފައި ހުންނަ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ތައްޔާރުކޮށްފައިވާ ދޮގު ލިޔުމެއް ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ކޮމިޝަނުން ހަމާސްގެ އަމަލުތަކަށް ބެލުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރަނީ އިޒްރޭލު ކުށްވެރިކުރުމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުންވެސް އިޒްރޭލުން ދަނީ ގާޒާއަށް އިންސާނީ އެހީއާއި ބޭސްފަރުވާގެ ސާމާނު ވެއްދުމަށް ހުރަސް އަޅަމުންނެވެ. މީގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށާއި، ހެދިބޮޑުވުމަށް ނުހަނު ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ނިޒާމީ ގޮތެއްގައި ހަމަލާދިނުމުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ދާއިމީ ގެއްލުންތަކެއް ލިބެމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އޮކްޓޯބަރު މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ކުރިއަށް ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި 1,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 250 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، އިޒްރޭލުން ދަނީ ގާޒާގެ ބިންތަކަށް އަތްގަދަކުރަމުންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި މިހާރު ގާޒާގެ %70 ބިން އޮތީ އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގަ އެވެ. އިޒްރޭލުން ކަނޑައަޅާފައިވާ ސަރަހައްދީ ރޮނގުތައް ދަނީ ފަލަސްތީނު މީހުންގެ ބިންތަކުގެ ތެރެއަށް ފުޅާކުރަމުންނެވެ. މީގެ ސަބަބުން ކުޑަކުދިންނަށް އަމާންކަމާއެކު އުޅޭނެ ތަނެއް ނެތި، ނުރައްކަލުގެ ތެރެއަށް ވަނީ ހުށަހެޅިފަ އެވެ.

ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައިވެސް އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށާއި، ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީނުގެ ކުޑަކުދިންނަށް ދޭ އަނިޔާތައް އިތުރުވެފައިވާ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބްޓްސެލެމް އިން ބުނާ ގޮތުގައި، 2023 އޮކްޓޯބަރުގެ ފަހުން ހުޅަނގު އައްސޭރިން އެކަނިވެސް ފަލަސްތީނުގެ 236 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފަ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މި ރިޕޯޓަށް މަރުހަބާ ކިޔާފަ އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލުގެ މި ޖަރީމާތައް ހުއްޓުވުމަށް ފެއިލްވެފައިވާ ކަން މި ރިޕޯޓުން ހާމަވާ ކަމަށް ބުނެފައިވެ އެވެ.

ކޮމިޝަނުން ވަނީ އިޒްރޭލުން ގާޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފަ އެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހޯދަން ބޭނުންވާ އިޒްރޭލުގެ އިސްވެރިން ހައްޔަރުކުރުމަށާއި، އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލައި، އެ ގައުމުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްވެސް ކޮމިޝަނުން ވަނީ ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.