ގެއްލުމުގައި ހިންގާ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް އަމިއްލަ އަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން، ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ވަޒީފާއިން ވަކިވުމަށް 97 މުވައްޒަފަކު ހުށަހަޅާފައިވާކަން އެ ކުންފުނިން ބުނެފި އެވެ.
މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި މިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ ބަޔަކަށް އިއުލާން ކުރުމެއް ނެތި ބޮޑެތި މުސާރަ އާއި އެތައް ޕްރޮމޯޝަނެއް ބަހާފައިވެ އެވެ.
ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ކުުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވީ، ޖުމުލަ 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެ ކުންފުނިން މި ފުރުސަތު ހުޅުވައިލީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވައިލި އެ ފުރުސަތުގައި 97 މުވައްޒަފަކު ވަނީ ވަކިވާން އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައިން ބުނި ގޮތުގައި މި ނިންމުމަކީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ، އުފެއްދުންތެރި ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން، އެއްވެސް މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ތިބިކަން ކުންފުނިން ފާހަގަކުރެ އެވެ. އެހެންކަމުން، މި ބަދަލާއެކު ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ފެނަކައިން އުންމީދު ކުރެ އެވެ.
މި ސިޔާސަތުގެ ދަށުން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ އިނާޔަތުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ފެނަކައިގެ އިތުރުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ މާލީ އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިލާފަ އެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޗް އަތުލައިގެންފި
ވޯލްޑް ކަޕް: ފޯރިގަދަ ލަވަތަކުގެ ތެރެއިން ގަދަ 10!