ލުބުނާނުގައި އިތުރުވަމުންދިޔަ ހަމަލާތަކުގެ ސަބަބުން، އީރާން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުވުމަށް ހުރަސްތަކެއް ކުރިމަތިވެފައި ވަނިކޮށް، އިޒްރޭލާއި ހިޒްބުﷲ އިން ހުކުރު ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، ނިއުކްލިއާ އެއްބަސްވުމަކާ ގުޅޭގޮތުން އީރާނާއެކު ބާއްވާ ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ސުވިޒަލޭންޑަށް ދަތުރުކުރައްވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ 'އެކްސިއޯސް' އިން މިއަދު ރިޕޯޓުކޮށްފައިވެ އެވެ.
މި ނިންމުން ނިންމާފައިވަނީ، ލުބުނާނުގެ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން މެދުކަނޑާލި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖޭޑީ ވެންސް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ކެންސަލް ކުރެއްވިތާ އެއްދުވަސް ފަހުންނެވެ. ލުބުނާނުގެ މަސްރަހު ގޯސްވުމާ ގުޅިގެން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ކުރެވޭ މުހިންމު މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަށް އިޒްރޭލުގެ ކިބައިން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ ލުބުނާނު ގަޑިން ހަވީރު 4:00 ގަ އެވެ. އަދި މި އެއްބަސްވުމަކީ އެމެރިކާއާއި ގަތަރުގެ މެދުވެރިވެގެން، އީރާނުގެ އެހީތެރިކަމާއެކު އެކުލަވައިލި އެއްބަސްވުމެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނަށް ތާއީދުކުރާ ހިޒްބުﷲގެ ދެ އޮފިޝަލަކާއި އިޒްރޭލުގެ އިސް އޮފިޝަލަކު ވަނީ ހަމަލާބަދަލުކުރުން ހުއްޓާލިކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުގެ އޮފިޝަލް ބުނީ، ހިޒްބުﷲ އިން ހަމަލާ ނުދޭނަމަ އެއީ ހަނގުރާމައިގެ ވަގުތެއް ނޫން ކަމަށާއި، ނަމަވެސް އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގައި ހިފާފައިވާ ލުބުނާނުގެ ދެކުނު ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން ދެމިތިބޭނެ ކަމަށެވެ.
ލުބުނާނުގެ ސަލާމަތީ ފަރާތްތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ހަމަލާ ހުއްޓާލި ފުރަތަމަ ގަޑިއިރު ތެރޭގައި އިޒްރޭލުން 12 ވައިގެ ހަމަލާއެއް ދީފައިވީ ނަމަވެސް، ހަވީރު 5:00 ގެ ފަހުން އެއްވެސް ހަމަލާއެއް ރިކޯޑު ކުރެވިފައެއް ނުވެ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުގެ މެންދަމުން ފެށިގެން ހުކުރު ދުވަހާ ހަމައަށް އިޒްރޭލުން ދިން ހަމަލާތަކުގައި 47 މީހުން މަރުވެ 97 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި އިޒްރޭލު އަސްކަރިއްޔާއިން ވަނީ ލުބުނާނުގައި ހިނގި ހާދިސާއެއްގައި އެ ގައުމުގެ ހަތަރު ސިފައިން މަރުވެފައިވާކަން ހާމަކޮށްފަ އެވެ.
ނުނިމި ހުރި އުނދަގޫ މައްސަލަތައް
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ ރައީސުން ސޮއިކުރެއްވި ފަހުމުނާމާގައި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެހެނިހެން އުނދަގޫ މައްސަލަތައް މަޝްވަރާކުރުން ފަހުގެ ތާރީހަކަށް ވަނީ ފަސްކޮށްފަ އެވެ. ދެ ފަރާތަށް ވެސް ދާއިމީ އެއްބަސްވުމަކަށް އައުމަށް ނުވަތަ ވަގުތީ އެއްބަސްވުން އިތުރުކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ސްވިޒަލޭންޑްގެ ބާގަންސްޓޮކް ރިސޯޓުގައި ފަންނީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، އީރާނުން ވަނީ ލުބުނާނަށް އިޒްރޭލުން ހަމަލާތައް ދެމުން ދިއުމަކީ އެއްބަސްވުމާއި ހިލާފުވުން ކަމަށް ބުނެ މަޝްވަރާއަށް ސްވިޒަލޭންޑަށް ފުރުން ލަސްކުރިކަން އިއުލާންކޮށްފަ އެވެ. އެއާއެކު ވައިޓް ހައުސްއިން ވަނީ ނައިބު ރައީސް ވެންސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުރާސްފަތި ދުވަހު ބުނެފަ އެވެ.
ސްވިސް ފޮރިން މިނިސްޓްރީން ބުނީ މަޝްވަރާތައް ފަސްކުރެވިފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
މި ވަގުތީ އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި އީރާނުގެ އިތުރުން އެ ގައުމުތަކާ ގުޅިފައިވާ ފަރާތްތަކުން ހުރިހާ މައިދާނެއްގައި، ހާއްސަކޮށް ލުބުނާނުގައި، އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލަން ޖެހެ އެވެ. ނަމަވެސް، މި މަޝްވަރާތަކުގައި ބައިވެރިނުވާ އިޒްރޭލުން ބުނަނީ އެއީ އެ ގައުމުން ބައިވެރިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
އިޒްރޭލް -ލުބުނާން އާ މަޝްވަރާތަކެއްގެ ވާހަކަ
ލުބުނާނުގެ ރައީސް ޖޯސެފް އައުން އިޒްރޭލުގެ ހަމަލާތައް ކުށްވެރިކުރެއްވި ނަމަވެސް، އެކަމުގެ ސަބަބުން ދާއިމީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ރައީސް އައުންއާ ވާހަކަދައްކަވަމުން، ހިޒްބުﷲގެ ހަތިޔާރު އަތުލުމުގެ މުހިންމުކަމާއި، ލުބުނާނުގެ މިނިވަންކަމަށް އެމެރިކާއިން ތާއީދުކުރާކަން ހާމަކުރެއްވި އެވެ. އަދި އަންނަ ޖޫން މަހުގެ 23 އިން 25 އަށް ވޮޝިންޓަންގައި އިޒްރޭލާއި ލުބުނާނުގެ މަޝްވަރާތައް ބޭއްވުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ވަގުތީ އެއްބަސްވުމުގެ ދިފާއުގައި ޓްރަމްޕް
ފެބުރުވަރީ 28 ގައި ފެށުނު އީރާން ހަނގުރާމައިގައި މިހާތަނަށް 7,000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި އިންފްލޭޝަން ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ. ނަމަވެސް ލުބުނާނުގެ ހަމަލާތައް ހުއްޓާލުމާއެކު ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެން ފަށައިފަ އެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ދަށުން އީރާނަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ފްރީޒްކޮށްފައިވާ ބިލިއަން ޑޮލަރުގެ މުދާ ދޫކުރުމާއި، ތެޔޮ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.
ޓްރަމްޕް ވަނީ މި އެއްބަސްވުމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފަ އެވެ.
"ހަނގުރާމައިގެ ސަބަބުން އީރާން ވަނީ ބަލިކަށިވެފައި. މަޝްވަރާއަށް ބޭނުންވެގެން އައީ އަހަރެމެންނެއް ނޫން، އީރާން. އެމީހުން އެތިބީ ނިމިފައި!" ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޖޭސަން މޮމޯއާގެ މިސްރާބު ބޮލީވުޑަށް؟
އިޒްރޭލުން އެއްބަސްވުމާ ހިލާފުވެ ހަމަލާދޭތީ މަޝްވަރާ ހުއްޓިއްޖެ
ރާއްޖެ އެތެރެކުރަން އުޅުނު 15،600 ވޭޕް ކާޓްރިޗް އަތުލައިގެންފި