އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމާ ގުޅިގެން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތުގެ އިތުރުން އިޓަލީން ތައްޔާރަށް އޮތްކަން ހާމަކޮށްފި އެވެ.
އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީ ހިމެނޭ "އީ4" ގައުމުތަކުން އާދީއްތަ ދުވަހު ބުނެފައިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް ބަލައި، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ތައްޔާރަށް ތިބި ކަމަށެވެ.
މި ގައުމުތަކުގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފައްދައިގެން ނުވާނެ ކަމަށާއި، އެކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާ، އީރާން އަދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް އޮވެގެން ވެފައިވާ އެއްބަސްވުމެއް ނޫނެވެ. މިއީ ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން، އެތައް ހަފުތާއެއް ވަންދެން ކުރެވުނު ދަތި އަދި ދިގު މަޝްވަރާތަކެއްގެ ނަތީޖާއެއް ކަމަށް އެ ގައުމުން ފާހަގަކުރެއެވެ. އެހެންކަމުން، އީރާނުން މިކަން ސިފަކުރަނީ އެ ގައުމުގެ ހާރިޖީ ސިޔާސަތަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
އީރާނުން އިތުރަށް ބުނެފައިވަނީ، އެ ގައުމަކީ ފިއްތާލެވޭނެ ނުވަތަ ނައްތާލެވޭނެ ގައުމެއް ނޫން ކަމުގެ މެސެޖު އެމެރިކާ އަދި އިޒްރޭލަށް ދީފައިވާނެ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަކީ އެއްވެސް ހާލެއްގައި ދޫދެވޭނެ ކަންކަން ނޫން ކަމަށްވެސް އެ ގައުމުން ބުނެއެވެ. މި އެއްބަސްވުމަކީ ގައުމަށްޓަކައި ވި ގުރުބާނީތަކާއި، ކުރި ހަނގުރާމައާއި، އަދި ހިކުމަތްތެރި ހާރިޖީ ސިޔާސަތުގެ ނަތީޖާ ކަމަށް އީރާނުން ދެކެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ހުކުރު ދުވަހު ސޮއިކުރާނެ ކަމަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ޕާކިސްތާނުން ވަނީ އިއުލާންކޮށްފަ އެވެ. މި ނިންމުމާއެކު ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ބަދަލުތައް އަންނަން ފަށާފައި އެވެ. ތެލުގެ އަގުތައް ދައްވާން ފަށާފައިވާއިރު، ހިއްސާގެ ބާޒާރުތަކަށްވެސް ކުރިއެރުން ލިބެމުންދާކަމަށް ރިޕޯޓުތައް ބުނެެއެވެ.
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން މެދުކަނޑާލަން އީރާން އެއްބަސް
ޖަރުމަނު ވޯލްޑް ކަޕް ފެށި ހަތް ލަނޑާއެކު