މެޗުގެ އިތުރު ވަގުތުގައި ގަތަރުން ކާމިޔާބުކުރި ގޯލާއެކު ފީފާ ވޯލްޑް ކަޕްގައި ރޭ ގަތަރާއި ސްވިޓްޒަލޭންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ވޯލްޑް ކަޕްގައި ގަތަރަށް ފުރަތަމަ ފަހަރަށް ޕޮއިންޓެއް ލިބިއްޖެ އެވެ.

މި ނަތީޖާއެކު، ގުރޫޕް ބީގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ. މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ކެނަޑާ އާއި ބޮސްނިއާވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އެމެރިކާގެ ކެލިފޯނިއާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްވިޓްޒަލޭންޑަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު ފޯވަޑް ބްރީލް އެމްބޯލޯ އެވެ.

އެހެން ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ގަަތަރުން ޕޮއިންޓެއް ހޯދީ ސްވިޓްޒަލޭންޑްގެ މީރޯ މުހެއިމް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. ސްވިޓްޒަލޭންޑްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގަތަރުގެ ކެޕްޓަން ބޮއާލެމް ކޫކީ ބޮލުން ފޮނުވާލި ވަގުތު، އެ ބޯޅަ ގޯލަށް އަމާޒުވީ މުހެއިމްގެ ބޮލުގައި ޖެހިފަ އެވެ.

މި މެޗުގެ ނަތީޖާއާމެދު ގަތަރުން ހިތްހަމަޖެހުނު ނަމަވެސް، މިއީ ސްވިޓްޒަލޭންޑަށް ބަލައިގަންނަ ފަސޭހަ ނަތީޖާއަކަށް ނުވާނެއެވެ. އެންމެ ބޮޑު ސަބަބަކީ މުޅި މެޗުގައިވެސް ސްވިޓްޒަލޭންޑުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.

މެޗަށް ފަހު ސްވިޓްޒަލޭންޑްގެ ކޯޗު މޫރަތު ޔަކީން ބުނީ މި މެޗުން ސްވިޓްޒަލޭންޑަށް ދެ ޕޮއިންޓް ގެއްލުނީ ލިބުނު ފުރުސުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

"އަހަރަމެން ނުކުތީ އެޓޭކިން ގޭމަކަށް ތައްޔާރުވެގެން. ތައްޔާރުވި ގޮތަށް ގިނަ އެޓޭކްތަކެއްކޮށް، ފުރުސަތުތައް ހޯދި. އެކަމަކު އަހަރަމެންނަށް ފުރުސަތުތަކުގެ ބޭނުން ނުހިފުނު. އެހެންވެ ދެ ޕޮއިންޓް މި ގެއްލުނީ،" ޔަކީން ބުންޏެވެ.