އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދީ ކުރިއެރުން ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އެންމެ ދަށަށް ދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ލޮޅުންތަކާއެކު ވޯލްޑް ބޭންކުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ މާލީ ކުރިމަގާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފަ އެވެ. އެ ބޭންކުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 2.9 ޕަސެންޓު މިހާރު ވަނީ 2.5 ޕަސެންޓަށް ތިރިކޮށްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ހަކަތައާއި މުދަލުގެ އަގު އުފުލި، ލޯނު ނެގުމުގެ ހަރަދުތައް ބޮޑުވުމެވެ.
އެމެރިކާއާއި އިރާނާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މީގެ ސަބަބުން ސަޕްލައި ޗެއިނަށް ބުރޫއަރައި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާނެއެވެ.
ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމު މުޅިން ބުރޫއަރައިފިނަމަ، ދުނިޔޭގެ އިގުތިސާދީ ކުރިއެރުން %1.3 އަށް ވެއްޓި، އިންފްލޭޝަން %4.4 އަށް މައްޗަށް ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. މީގެ ގެއްލުން އެންމެ ބޮޑަށް ކުރާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ.
ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ދުނިޔޭގެ ތިންބައިކުޅަ ދެބައި ގައުމުތަކުގެ އިގުތިސާދީ އަންދާޒާތައް ވަނީ ދަށްކުރަން ޖެހިފަ އެވެ. ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ ވިދާޅުވި ގޮތުގައި، މި ދަނޑިވަޅަކީ ގައުމުތަކުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަމުން، ވަޒީފާތަކާއި ކުރިއެރުމަށް ދުރުރާސްތާގެ ވިސްނުންތަކެއް ބޭނުންވާނެ ވަގުތެކެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކުން ވަނީ 60 ބިލިއަން ޑޮލަރުގެ ފަންޑެއް ކަނޑައަޅާފަ އެވެ. އަދި ހާލަތު އިތުރަށް ގޯސްވެ ދިގުލައިގެންދާނަމަ، އެ އެހީގެ މިންވަރު 100 ބިލިއަން ޑޮލަރަށް މަތިކުރުމުގެ ތައްޔާރީތައް ވަމުންދާކަންވެސް އެ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!