"ދަ ބިގް ބޭންގް ތިއަރީ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ކޭލީ ކުއޯކޯ އާއި އޭނާގެ ބައިވެރިޔާ ޓޮމް ޕެލްފްރީއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

އުމުރުން 40 އަހަރުގެ ބަތަލާ ކޭލީ ކުއޯކޯ އާއި އޭނާގެ ބައިވެރިޔާ އެކްޓަރު ޓޮމް ޕެލްފްރީ ވަނީ އެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް މި އުފާވެރި ހަބަރު ސަޕޯޓަރުންނާ ހިއްސާ ކޮށްފަ އެވެ.

އެމީހުން ހާމަކޮށްފައިވާ ގޮތުގައި، މިފަހަރު ވެސް ލިބެން އުޅެނީ އަންހެން ކުއްޖެކެވެ. މިއާއެކު އެމީހުންގެ ތިން އަހަރުގެ ދަރިފުޅު މަޓިލްޑާ ދައްތައަކަށް ވާނެ އެވެ.

ކޭލީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ،އެމީހުންގެ ކުޑަކުޑަ އާއިލާ ފުރިހަމަ ވަމުންދާ ކަމަށާއި، މިއީ ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެއް ކަމަށެވެ.

އެއާއެކު އެކަމަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުން ކޭލީގެ ބަނޑު ބޮޑުވަމުން އަންނަ މަންޒަރާއި، ދަރިފުޅު މަޓިލްޑާއާ އެކު އާއިލީ އުފާވެރި ވަގުތުތައް ހޭދަކުރާ މަންޒަރު ފެނެ އެވެ.

ކޭލީ ކުއޯކޯ އާއި ޓޮމް ޕެލްފްރީގެ ލޯބީގެ ގުޅުން ފެށުނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ މާޗު މަހު އެމީހުންގެ ފުރަތަމަ ދަރިފުޅު މަޓިލްޑާ އުފަންވި އެވެ. އަދި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ދެތަރިން ވަނީ ރަސްމީކޮށް އެންގޭޖްވެފަ އެވެ.

މި ދެމަފިރިންނަށް މަރުހަބާ ކިޔައި، ހޮލީވުޑްގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންނާއި ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ތަހުނިޔާ ފޮނުވަމުންނެވެ.