ސިނގިރޭޓް ބުއިން ހުއްޓާލުމަށް ނުވަތަ އޭގެ ބަދަލުގައި ބޭނުންކުރާ "ރައްކާތެރި" އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ހާއްސަކޮށް ޒުވާނުން ވޭޕް ނުވަތަ އީ ސިނގިރޭޓް އިހްތިޔާރު ކުރެ އެވެ.
ނަމަވެސް ފަހުގެ ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި ވޭޕް ކުރުމަކީ ސިނގިރޭޓާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ހަށިގަނޑަށް ނުރައްކާތެރި އަދި ދިގު މުއްދަތުގައި ކެންސަރަށް މަގުފަހި ކުރުވާ ކަމެކެވެ. ހަގީގީ ދުޅަހެޔޮ ކަމެއް ހާސިލް ކުރަން ބޭނުންނަމަ، ނިކޮޓިންގެ މި ދަލުން ސަލާމަތްވުން މަޖުބޫރެވެ.
ވޭޕް ކުރުމަކީ ސިނގިރޭޓަށްވުރެ ރައްކާތެރި ގޮތެއްތަ؟
މިއީ ގިނަ ބަޔަކަށް ހީވެފައި އޮންނަ ބޮޑު ކުށްހީ އެކެވެ. ސިނގިރޭޓާ ހިލާފަށް ވޭޕްގައި ދުން ނުއުފެދުނަސް، އޭގެއިން އުފެދޭ އާވީގައި ހަށިގަނޑަށް ބޮޑެތި ގެއްލުންތައް ދޭ ކެމިކަލްތައް އެކުލެވިގެންވެ އެވެ. މީގެ ތެރޭގައި:
- އަލްޓްރާފައިން ޕާޓިކަލްސް: ފުއްޕާމޭގެ އެންމެ ފުނަށް ދަތުރުކުރާ ކުދި ޒައްރާތައް.
- ބަރު މައުދަންތައް: އީ-ސިނގިރޭޓް ހޫނުކުރާ ކޮއިލްއިން ބޭރުވާ ނިކަލް، ތީމް، އަދި ކްރޯމިއަމް ފަދަ މާއްދާތައް.
- ވިހަ ކެމިކަލްތައް: ފްލޭވާތައް އެންދުމުން އުފެދޭ ފޯމަލްޑިހައިޑް ފަދަ ކެންސަރަށް މަގުފަހިކުރާ މާއްދާތައް.
ނިކޮޓިން އަދި ކެންސަރުގެ ނުރައްކާ
ވޭޕް ކުރަން ބޭނުންކުރާ ލިކުއިޑްތަކުގައި ގިނަ އަދަދަކަށް ނިކޮޓިން އެކުލެވޭތީ، މިއީ ސިނގިރޭޓެކޭ އެއްފަދައިން އިންތިހާއަށް ދެވި ހިފާ އެއްޗެކެވެ. ނިކޮޓިންއަކީ ހަމައެކަނި ދެވިހިފާ އެއްޗެއް ނޫނެވެ.
އެއީ ހަށިގަނޑުގެ ސެލްތަކަށް ބަދަލުތައް ގެނެސް، ލޭގެ ހިނގުމަށް ބުރޫ އަރުވައި އަދި ދިފާއީ ނިޒާމު ބަލިކަށިކޮށްލާ މާއްދާ އެކެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ވޭޕްގެ ސަބަބުން ފުއްޕާމޭގެ ސެލްތަކުގެ ޑީ.އެން.އޭއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
'ވެލްނެސް' އާއި ނިކޮޓިންއާ ހުރި ގުޅުން
ޒަމާނީ ދިރިއުޅުމުގައި ގިނަ ބަޔަކު ސިއްހަތަށް ސަމާލުކަންދީ ރަނގަޅު ކެއުމާއި ކަސްރަތު ހިޔާރު ކުރަމުން ދާއިރުވެސް ވޭޕް ކުރުން ހުއްޓައެއް ނުލަ އެވެ.
ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި ހަށިގަނޑަށް މިފަދަ ވިހަ މާއްދާތައް އެތެރެ ކުރަމުން ހަގީގީ ދުޅަހެޔޮ ކަމެއް ނުލިބޭނެ އެވެ. ވޭޕްގެ ސަބަބުން
- ނަފްސާނީ ހާސްކަން އިތުރުވުން: ނިކޮޓިން މަދުވާ ވަގުތުތަކުގައި މީހާ މާބޮ ޑަށް ރުޅިގަދަވެ ހާސްވެ، ޑިޕްރެޝަނަށް މަގުފަހިވެ އެވެ.
- ހިތުގެ ބަލިތައް: ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ވޭން ދެނިވި ބަލިތަކަށް ހުށަހެޅެ އެވެ.
- ނޭވާލާ ނިޒާމުގެ ބަލިތައް: "ޕޮޕްކޯން ލަންގް" ފަދަ ފުއްޕާމޭގެ ދާއިމީ ބަލިތައް ޖެހެ އެވެ.
ދުޅަހެޔޮ ދިރިއުޅުމަކަށް އެނބުރި ދިއުމަށް ކުރެވިދާނެ ކަންތައްތައް
ވޭޕް ނުވަތަ ސިނގިރޭޓް ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ތިމާގެ ސިއްހަތަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
- ހުއްޓާލާނެ ދުވަހެއް ކަނޑައެޅުން: ކުއްލިއަކަށް ހުއްޓާލުމުގެ ބަދަލުގައި ވަކި ތާރީހެއް ކަނޑައަޅައި، ދުރާލާ ރާވައި ނަފްސާނީ ގޮތުން އެކަމަށް ތައްޔާރުވުން.
- ސްޓްރެސް ކުޑަކުރާނެ އެހެން ގޮތްތައް ހޯދުން: ދުން ބުއިމުގެ ބަދަލުގައި ކަސްރަތު ކުރުން، މެޑިޓޭޝަން ނުވަތަ އާ ހޮބީއެއް އިހްތިޔާރު ކުރުން.
- އެހީތެރިކަން ހޯދުން: ރައްޓެހިންނާއި އާއިލާގެ އެހީތެރިކަން ހޯދުމުގެ އިތުރުން ސިއްހީ މާހިރުންގެ ލަފާގެ މަތިން 'ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ' ބޭނުން ކުރުން.
ވޭޕް ކުރުމަކީ ސިނގިރޭޓް ބުއިމުގެ ރައްކާތެރި ބަދަލެއް ނޫނެވެ. އެއީ ހަމައެކަނި ނުރައްކަލުގެ ސިފަ ބަދަލު ވުމެކެވެ. ހަގީގީ ދުޅަހެޔޮ ކަމަކީ އެއްވެސް ކަހަލަ މަސްތުވާ އެއްޗަކަށް ނުވަތަ ދެވިހިފާ މާއްދާއަކަށް ބަރޯސާނުވެ، ސާފު ފުއްޕާމެޔަކާއެކު ދިރިއުޅުމެވެ.