ބަރުދަން ލުއިކުރުމަކީ ގިނަ ބައެއްގެ ބޮޑު އުއްމީދަކަށް ވާއިރު ކުރު މުއްދަތެއްގެ ތެރޭގައި އަވަސް އަވަހަށް ބަރުދަން ލުއި ކޮށްދޭ "ކްރޭޝް ޑައިޓް" ތަކާއި ބޭސްތަކަށް އޮންނަ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
ނަމަވެސް ޑޮކްޓަރަކު މިވަނީ މިގޮތަށް ހަލުވިކަމާއެކު ބަރުދަން ލުއިކުރުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ނުރައްކާތެރި ފޮރުވިފައިވާ ސިއްހީ މައްސަލަތަކުގެ އިންޒާރު ދެއްވާފަ އެވެ.
ޑޮކްޓަރު ފާހަގަކުރައްވާ ގޮތުގައި، އަވަހަށް ބަރުދަން ލުއިވާއިރު ގިނަ ފަހަރަށް މީހާ ވަނީ "ލުއި، އެކަމަކު ބަލިކަށި" މީހަކަށެވެ.
މަސްތަކުގެ ބާރު ދަށްވުން
ހަށިގަނޑުން ހަލުވި ކަމާއެކު ކިލޯތައް މަދުވާއިރު، އޭއިން ގިނައީ ހަށިގަނޑުގައި ހުންނަ ސަރުބީއެއް ނޫނެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ ބާރާއި މެޓަބޮލިޒަމް ހިފަހައްޓައިދޭ މުހިއްމު މަސްތައް ވެސް ދާނީ ވިރެމުންނެވެ. މަސްތައް މަދުވުމުން ހަށިގަނޑުގެ ވަރު ދެރަވެ، ދިފާއީ ނިޒާމު ބަލިކަށިވެ، އުމުރުން ދުވަސްވާއިރު ވެއްޓުމާއި ކަށި ފީވުމުގެ ފުރުސަތު ބޮޑުވެ އެވެ.
މެޓަބޮލިޒަމް ދަށްވުން
ސައިންޓިފިކް ގޮތުން ބަލާއިރު، ކުއްލިއަކަށް ކެލޮރީސް މަދު ކޮށްލުމުން ސިކުނޑި ހީކުރަނީ ހަށިގަނޑަށް "ބޮޑު ތަދެއް" ލައިގަތީ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ހަކަތަ ސަލާމަތް ކުރުމަށްޓަކައި ހަށިގަނޑުގެ މެޓަބޮލިޒަމް ވަރަށް ބޮޑަށް ދަށްކޮށް ލައެވެ. މީގެ ސަބަބުން، ފަހުން އާއްމުކޮށް ކައިއުޅޭ މިންވަރަށް ކާން ފެށުމުން މާ އަވަހަށް ބަރުދަން އިތުރުވާން މެދުވެރިވެ އެވެ.
ކާތަކެތީގެ މާއްދާތައް މަދުވުން
ކުރު މުއްދަތެއްގައި ހަރުކަށި ޑައިޓްތައް ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި މިނަރަލްސް (ޚާއްޞަކޮށް ވިޓަމިން ޑީ، ކެލްސިއަމް، އަދި ދަގަނޑުގެ ބައި) ނުލިބެ އެވެ. މީގެ ސަބަބުން އިސްތަށި ފޭބުމާއި، ހަން ހަލާކު ވުމާއި، އަބަދު ވަރުބަލިވުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
ދިގު މުއްދަތަކަށް ދުޅަހެޔޮ ގޮތުގައި ބަރުދަން ލުއި ކުރާނީ ކިހިނެއް؟
ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި ބަރުދަން ލުއި ކުރުމުގެ މައިގަނޑު އަމާޒަކަށް ވާން ޖެހޭނީ ހަމައެކަނި ތިލަފަތުން ފެންނަ ނަންބަރު ކުޑަ ކުރުމެއް ނޫނެވެ، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރު ކުރުމެވެ.
- ލަސްލަހުން ބަރުދަން ލުއިކުރުން: ހަފުތާއަކު 0.5 ކިލޯ ނުވަތަ 1 ކިލޯއަށްވުރެ އިތުރު ނުވާނެހެން ބަރުދަން ލުއިކުރުމަކީ މަސްތައް ސަލާމަތް ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.
- ޕްރޮޓީން ގިނަކުރުން: ކެއުމުގައި ޕްރޮޓީންގެ މާއްދާތައް (މަސް، ބިސް، ތަރުކާރީގެ ބައެއް ބާވަތްތައް) ހިމެނުމުން ބަރުދަން ލުއިވާއިރު މަސްތައް ހަލާކުވުމުން ރައްކާތެރި ކޮށްދެ އެވެ.
- ކަސްރަތު ކުރުން: ހަމައެކަނި ކާޑިއޯ (ދުވުން ފަދަ) ކަސްރަތުތަކުގެ ބަދަލުގައި، ބަރު އުފުލުމާއި ހަށިގަނޑުގެ ބާރު ގަދަކުރާ ކަސްރަތުތައް ކުރުމުން މަސްތައް ވަރުގަދަވެ،ހަށިގަނޑު ބަލިކަށި ވިޔަނުދީ ހިފަހައްޓައިދެ އެވެ.
ޑޮކްޓަރުގެ މެސެޖު: "އަވަހަށް ބަރުދަން ލުއިކޮށްގެން ހަށިގަނޑު ހިކި، އެކަމަކު އެތެރެއިން ބަލިކަށި މީހަކަށް ވުމަށްވުރެ، ލަސްލަހުން ދުޅަހެޔޮ އާދަތަކާއެކު ބަރުދަން ލުއިކޮށްގެން ވަރުގަދަ މީހެއްގެ ގޮތުގައި ހުރުން މާ ފައިދާބޮޑެވެ."
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި
އީޔޫ އިން ޓެމޫ 297 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން