ބޮލީވުޑްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެއް ފިލްމު ކަމަށްވާ "ޑޮން 3" ގެ މަސައްކަތްތަކަށް ބޮޑު ހުރަހެއް ކުރިމަތިވެ، ފިލްމުގެ މޭސްތިރި ފަރުހާން އަހްތަރު މި މައްސަލަ ފިލްމީ ދާއިރާގެ ބޮޑު ޖަމްޢިއްޔާ "ފްވައިސް"އަށް ހުށަހަޅައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލަ އުފެދެން ދިމާވީ ފިލްމުގެ މައިގަނޑު ކާސްޓާއި، ސްކްރިޕްޓާ މެދު ބަތަލު ރަންވީރު ސިންގްއާ ދެމެދު އުފެދުނު ބޮޑެތި ހިޔާލު ތަފާތުވުން ތަކަކާ ގުޅިގެންނެވެ.
"ޑޮން" ގެ ފުރަތަމަ ދެ ފިލްމުން ސުޕަސްޓާ ޝާހްރުކް ހާން ފެނިގެން ގޮސްފައިވާއިރު ތިންވަނަ ފިލްމުގެ "ޑޮން" ގެ ރޯލަށް ރަންވީރު ސިންގް ހަމަޖެއްސުމުން ކުރިން ވެސް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް، މިފަހަރު މައްސަލަ ގޯސްވީ ފިލްމުގެ ބަޖެޓާއި، ޝޫޓިންގް ޝެޑިއުލްތަކާއި، އަދި ފިލްމަށް އިތުރު ކުރަން އުޅޭ ބައެއް ބޮޑެތި ތަރިންގެ ރޯލުތަކާ މެދު ރަންވީރު ހިތްހަމަ ނުޖެހުން ފާޅު ކުރުމުންނެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފަރުހާން ބޭނުންވީ "ޑޮން 3"އަކީ ކުރީގެ ފިލްމުތަކަށްވުރެ މާ ވަރުގަދަ އަދި ކުރީގެ ތަރިންގެ ހަނދާންތަކާ ވެސް ގުޅުވައިލެވޭނެ ފަދަ ބޮޑު ފިލްމަކަށް ހެދުމަށެވެ. ނަމަވެސް، ރަންވީރު ސިންގްގެ ފަރާތުން ފިލްމުގެ ކަންކަމަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލަ ހައްލުކުރުމަށް ފަރުހާން އެތައް ފަހަރަކު މަސައްކަތް ކުރުމަށްފަހު، އެންމެ ފަހުން ރަސްމީކޮށް ބޮލީވުޑްގެ އެމްޕްލޯއީސް ފެޑެރޭޝަންއަށް މައްސަލަ ހުށަހެޅީ ފިލްމުގެ ޕްރޮޑަކްޝަނަށް ވަމުންދާ މާލީ ގެއްލުންތަކުން ސަލާމަތް ވުމަށެވެ.
1978 ގައި އަމީތާބް ބައްޗަން ކުޅުނު "ޑޮން" ފިލްމަށްފަހު، ފަރުހާން ވަނީ ޝާހްރުކް ހާންއާއެކު 2006 އަދ 2011ގައި ދެ ފިލްމު އުފައްދައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ވުމާއެކު "ޑޮން 3" އަކީ ބޮލީވުޑްގެ އެންމެ އަގުބޮޑު އެއް ލެގަސީ އެވެ.
ފްވައިސްއަށް މި މައްސަލަ ދިއުމުން، ޖަމްޢިއްޔާގެ ފަރާތުން ދެ ފަރާތް މޭޒުދޮށަށް ގެނެސްގެން ވާހަކަދައްކަން މިހާރު ވަނީ ނިންމާފަ އެވެ.
މި މައްސަލަ އަވަހަށް ހައްލު ނުވެއްޖެނަމަ ފިލްމުގެ ބަތަލު ބަދަލު ކުރުން ނުވަތަ ފިލްމުގެ މަސައްކަތް މުއްދަތެއް ނެތް ގޮތަށް ފަސް ކޮށްލަން ފަރުހާނަށް މަޖުބޫރުވާނެ އެވެ.
ޓްރީޓޮޕްގެ ފާޓިލިޓީ ސެންޓަރުގައި 100 ކުދިން އުފަންވެއްޖެ
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ